އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް)ގެ ސީނިއާ ކޯޗިން ލައިސަންސް ހާސިލް ކުރުމަށް، ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ޓީމްގެ މެނޭޖަރު އަބްދުﷲ އިބްރާހީމް (އަބުޅޯ) އިންޑޮނީޝިއާއަށް އިއްޔެ ފުރައިފި އެވެ.

އައިއޭއޭއެފް ލެވެލް ހަތަރެއް ނުވަތަ ސީނިއާ ކޯޗިން ކޯހަކީ އެތުލެޓިކްސް ކޯޗިންގެ އެންމެ މަތީ ލެވެލް އެވެ. މިކޯސް ފުރިހަމަ ކުރުމުން ކޯޗިންގެ އިތުރުން މަތީ ފެންވަރުގެ ކޯޗިން އިވެންޓްތައް ހިންގުމާއި އަދި އެތުލެޓިކްސްގެ ބޮޑެތި އިވެންޓްތައް ޕްލޭން ކުރުމުގެ ގާބިލްކަން ލިބޭނެ އެވެ.

އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން މިސަރަހައްދުގެ ރީޖަނަލް ޑިވެލޮޕްމަންޓް ސެންޓަރުން ކުރިޔަށް ގެންދާ މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި މިއަދުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ ގައުމީ މިޑްލް ޑިސްޓެންސް ކޯޗް ޢަބްދުﷲ ތަމްރީން ކުރުމުން އަންނަ މިޑްލް ޑިސްޓެންސް ދުވާ އެތުލީޓުން މިހާރު ވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ.