21 Oct 2013, 13:55
ނޮވެމްބަރު އެގާރައިގެ ކުރިން އާ ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ، އާ ރައީސަކު އިންތިހާބު ކުރެވެންދެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ދެމިހުންނެވުމަކީ ގައުމީ މަސްލަހަތަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމުން މިގޮތަށް ފާސްކޮށްފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ކުއްލި ބައްދަލުވުމެއްގަ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނޮވެމްބަރު 11ގެ ކުރިން އާ ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ، އެ މަގާމަށް ރައީސަކު އިންތިހާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގެންނަވަންދެން ރައީސް ޑރ. ވަހީދު އެ މަގާމުގައި ހުންނެވުމަކީ ގައުމީ މަސްލަހަތަށް މިވަގުތު އެންމެ ރަނގަޅު ގޮތް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.
"މިފަދަ ދުސްތޫރީ އަދި ގާނޫނީ ހާލަތްތަކުގައި އަމަލު ކުރުމަށް ގާނޫނު އަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެެރިކަމުގެ ބާރުތައް ހަމަޖެހޭ އަދި ސުލްހަވެރި ގޮތަކަށް ބަދަލުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން އެމަގާމުގައި ހުންނެވުމަކީ ގައުމީ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޕީޕީއެމުން ދެކެެމެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.
ޕީޕީއެމުން ބުނީ ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގައިޑްލައިނާ އެއްގޮތަށް ދުސްތޫރީ އަދި ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން އިއްޔެގެ ނިޔަލަށް ނަޒާހަތްތެރިކަން ކަށަވަރުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިލެކްޝަންސް ކޮމިޝަނަށް ބޭއްވިފައިނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގައިޑްލައިނަށް ފުރިހަމައަށް ތަބާވެ، މިނިވަން އިންސާފުވެރި އަދި ދެފުށް ފެންނަ ހުރިހާ ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ސުލްހަވެރި އިންތިހާބެއް އަވަހަށް ބޭއްވުމަށް ޕީޕީއެމުން އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މިހިނގަމުންދާ ރިޔާސީ ދައުރު ނޮވެމްބަރު 11ގައި ނިމޭތީ، މިނިވަން އިންސާވެރި އިންތިހާބަކު އާ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޕީޕީއެމުން އެދޭ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމުން މިގޮތަށް ފާސްކޮށްފައި މިވަނީ އެންމެންގެ ބައިވެރިވުން އޮތް މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބާއްވާ ނޮވެމްބަރު 11ގައި އާ ރައީސަކު ހުވާ ކުރުމަށް ހުރިހާ ކެންޑިޑޭޓުން އެއްބަސްނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވެފައިވަނިކޮށެވެ.
"އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނަން އަޅުގަނޑު އިސްތިއުފާ ދޭނަމޭ، ދެން ނައިބު ރައީސް ވެސް (އިސްތިއުފާ ދެއްވާނެ) އޭރުން ޒިންމާ އެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްތަށިފުޅުގައި،" ރައީސް ވަހީދު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ ބުނެފައިވެ އެވެ.
މިދިޔަ ހޮނިހުރި ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އިންތިހާބު ކެންސަލްވީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިލެކްޝަންސް އިން ކަންތައްތައް ކުރަމުން ނުގެންދާތީ ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލުުމުންނެވެ. އޭގެ ފަހުން ސަރުކާރުން ވަނީ އިލެކްޝަނާއި ޕާޓީތަކާ އެކު އިންތިހާބު ބާއްވާނެ ތާރީހަކާ މެދު އެއްބަސްވުމަކަށް އާދެވޭތޯ ބައްދަލުވުމެއް ބާއްވައިފަ އެވެ. ނަމަވެސް އެ ބައްްދަލުވުން ނިމިގެންދިޔައީ ޕާޓީތަކުގެ މެދުގައި ތާރީހަކަށް އެއްބަސްނުވެވިގެންނެވެ.