30 Nov 2010, 05:28
ރުހުން ނުލިބޭ ވަޒީރުން މަގާމުގައި ތިއްބެވުމާ ބެހޭ ގޮތުން މިއަދު ބާއްވަން އުޅުނު ސުޕްރީމް ކޯޓުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބުނީ އަޑުއެހުން ކެންސަލް ކުރި ސަބަބު ކޯޓުގެ އިދާރާ އިން މީޑިއާ އަށް ޕްރެސް ރިލީސް އަކުން އަންގާނެ ކަމަށެވެ.
މިއަދު ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ކަނޑައެޅީ ހެނދުނު 10:30 އަށެވެ.
ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދާއި ޕީއޭގެ ނައިބު ލީޑަރު މޫސާ ޒަމީރާއި ގައުމީ ޕާޓިން ސުޕްރީމް ކޯޓަށް ހުށަހެޅި، ރުހުން ނުލިބޭ ވަޒީރުންނަށް މަގާމުގައި ތިއްބެވިދާނެތޯ ކަނޑައަޅައި ދިނުމަށް ހުށަހެޅި، މައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ ދެ ފަރާތުގެ ބޭފުޅުން ކޯޓަށް ވެއްދުމަށް ފަހު އަދި ނޫސްވެރިން ވެސް ވެއްދުމަށް ފަހުގަ އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މިދިޔަ ހުކުރު ދުވަހު ސަން އޮންލައިނަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މާދަމައިން ފެށިގެން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރީން އެ ކޯޓަށް ހުށަހެޅިފައިވާ ބޮޑެތި މައްސަލަތައް ނިންމަވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ކީއްވެގެން ކަމެއް ސުޕްރީމް ކޯޓަކުން އަދި ނުބުނެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ޖަވާބުދާރީވުމަށް ދައުވަތުދީފައި ވަނީ، މަޖިލީހުން ރުހުން ނުލިބި ހުންނެވި އެޓާނީ ޖެނެރަލަށެވެ.
އެޓާނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައި ނުވާތީ، ދައުލަތުން ދައުވާ ކުރާ މައްސަލަތައް ސިވިލް ކޯޓަށް ބަލައިގަތުން ވަނީ ހުއްޓާލައިފި އެވެ.
އަލީ ވަހީދާއި ޒަމީރުގެ ވަކީލު ދެންމެ ވިދާޅުވީ އަޑުއެހުން ކެންސަލް ކުރީ، އެއް ފަނޑިޔާރު ރަށުގައި ވަޑައިގެން ނޫޅުއްވާތީ ކަމަށާއި މުޅި މައްސަލަ ބަލަނީ މުޅި ބެންޗުން ކަމަށެވެ.