ނޮވެމްބަރު 11 އަންނަންވާ އިރަށް ރައީސުލްޖުމްހޫރިއްޔާ އަކު ނުހޮވި އަދި އެ އޭގެ ފަހުން ރައީސުލްޖިމްހޫރީއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ދެއްވިއަސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވުމުގެ ގާނޫނީ ފުރުސަތު ނުލިބޭ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ. އެ ކުއްލި މައްސަލަގައި ބުނެފައި ވަނީ ނޮވެމްބަރު މަހުގެ 11 އަށް ރައީސް އަކު އިންތިހާބު ނުކުރެއްވިއްޖެ ނަމަ މިހާރުގެ ރައީސް ޑރ. ވަހީދު އިސްތިއުފާ ދެއްވަން ޖެހޭނެ ކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅިފައިވާ ގަރާރެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައި ވަނީ އިންތިހާބުކުރެވިފައިވާ ރައީސުލްޖުމްހޫރީއްޔާ ނުވަތަ އޭނާގެ ނާއިބު ކަނޑައެޅިފައިވާ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވައިފި ނަމަ އަމަލުކުރަން ޖެހޭނެ ގޮތުގެ ވާހަކަ ކަމަށެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވާ ތާރީހަށް ރައީސް އަކު ނުހޮވިއްޖެ ނަމަ އަމަލު ކުރާން ޖެހޭނެ ގޮތެއް ގާނޫނު އަސާސީގައި ބުނެދީފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލު ކުރެވިދާނެ ކަން ނުވަތަ ނޫން ކަން އެއީ ގާނޫނީ ގޮތުން އުފެދިގެން ދާނެ ބޮޑު މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ 124 ވަނަ މާއްދާގައި ބުނަނީ އިންތިހާބު ކުރެވިފައި ހުރި ރައީސް އަކާއި ނައިބް ރައީސް އަކު އޭނާގެ ޓާމް ހަމަވުމުގެ ކުރިން މަގާމް މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ނަމަ މަޖިލީހުގެ ރައީސް އަށް ވެރިކަމުގެ ބާރުތައް ޓޭކްއޯވާ ކުރެވިދާނެ ކަމަށް. އެހެން ނަމަވެސް ރައީސް އަކު އިންތިހާބު ކުރަން ޖެހޭ ތާރީހުގައި ރައީސް އަކު އިންތިހާބު ނުކުރެއްވިއްޖެ ނަމަ އަމަލު ކުރާން ޖެހޭ ގޮތެއް މި ގާނޫނު އަސާސީ އަކުނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ފަހު ސުޕްރީމް ކޯޓް އިން ކުރި ހުކުމުގައި ރައީސުލްޖުމްހޫރިއްޔާ އަކު ހޮވަން ޖެހޭ ތާރީހަށް ނުހޮވިއްޖެ ނަމަ އިންތިހާބު ކުރެވިފައި ހުރި ރައީސް އާ ބޭފުޅަކު ރައީސް ކަމަށް އިންތިހާބު ކުރެވެންދެން ހުންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން (ކޯޓުން އެހެން ހުކުމް ކޮށްފައިވާ ނަމަވެސް މިހާރު ރައީސުލްޖުމްހޫރީއްޔާ ކަމަގެ މަގާމުގައި ހުންނެވި ރައީސް ޑރ. ވަހީދު ނޮވެންބަރު 11ގެ ފަހުން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މީޑިއާތަކުގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން އެފަދަ ހާލަތެއްގައި އަމަލު ކުރަން ޖެހޭނެ ގޮތެއް ގާނޫނު އަސާސީގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިހާރު މި އޮތް ކުރު މުއްދަތުގެ ތެރޭގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވެއްޖެ ނަމަ ގާނޫނު އަސާސީ އަށް އެބައި އިތުރު ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ނޮވެންބަރު 11 ފަހުން ރައީސް އަކު އިންތިހާ ނުކުރެވެނީސް ޑރ. ވަހީދު އިސްތިއުފާ ދެއްވައިފި ނަމަ މަޖިލީހުގެ ރައީސް އަށް ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމް އަދާ ނުކުރެވޭނެ ކަމަށެވެ.