ރައްޔިތުންގެ މަޖިލީހު ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކުރުމާ އެކު އެ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގައި ޕާޓީއެއްގެ ހައިސިއްޔަތު ލިބިއްޖެ އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރު މިއަދު "ސަން" އަށް ވިދާޅުވީ، އެ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގައި ޕާޓީއެއްގެ ހައިސިއްޔަތު ލިބިފައި ވަނީ މިއަދު ކަމަށާއި އެކަމަށް އެދި އީދު ބަންދުގެ ކުރިން ހުށައަޅާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޕާޓީއެއްގެ ދަރަޖަ ލިބިފައިވާ އިރު އެކަމަށް ޕީޕީއެމް އާއި ޖޭޕީއިން ވަނީ ބޮޑު އެއްބާރުލުމެއް ދެއްވާފައި. ދެން އަޅުގަނޑުމެން މަޖިލީހުގައި ތަމްސީލް ވާނީ ޕާޓީއެއްގެ ގޮތުގައި،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެން އެ ޕާޓީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިވަގުތު އެމްޑިއޭގެ މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަ ވަނީ، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މުހައްމަދާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ އެވެ.

ޕާޓީއެއްގެ ހައިސިއްޔަތު ރައްޔިތުންގެ މަޖިލީހުގައި ލިބުމުން އެ ޕާޓީ ދެން ހަރަކާތްތެރުވާނީ ޕާލަމެންޓްރީ ގްރޫޕެއްގެ ދަށުންނެވެ. އަދި އެ ޕާޓީއަކަށް ކޮމެޓިތައް ތަމްސީލްކުރުމުގެ ފުރުސަތުތައް ވެސް ލިބިގެންދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަދުވެގެން ތިން މެމްބަރުން ތިއްބަވާ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއެއް ތަމްސީލު ކުރުމުގެ ފުރުސަތު ލިބެ އެވެ.