މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމާ ގުޅިގެން އަޒްހަރު ޔުނިވާސިޓީގެ ދަރިވަރުންނާއި ސަލާމަތީ ބާރުތަކާ މެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ދިވެހި އެއްވެސް ދަރިވަރަކު ނުހިމެނޭ ކަމަށާއި އެ ކުދިންގެ ތިބީ ހެޔޮ ހާލުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ "ސަން" އަށް ވިދާޅުވީ އެޔުނިވާސިޓީގެ ދަރިވަރުންނާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން މިދިޔަ ދެ ދުވަހު ބާރުގެ ބޭނުން ކޮށްފައި ވާތީ، އެ ހަމަނުޖެހުން ފެށިދުވަހުން ފަށައިގެން ދިވެހި އެއްވެސް ދަރިވަރަކު ޔުނިވާސިޓީ އަށް ކިޔަވަން ނުދާ ކަމަށެވެ. އަދި އެކުދިންގެ ހާލު ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެ ހުރިހާ ކުދިން ވެސް ތިބީ ހެޔޮ ހާލުގައި ކަމަށެވެ.

"އަޅުނގަޑުމެން ބެލިބެލުމުގައި ދިވެހި ކިޔަވާ އެއްވެސް ދަރިވަރަކު ހޮނިހިރު ދުވަހަކު، އާދިއްތަ ދުވަހަކު އަދި މިއަދަކު ވެސް އަޒްހަރު ޔުނިވާސިޓީއަކަށް ނުދޭ. ހުރިހާ ކުދިންތިބީ ސަލާމަތުން. އެކުދިންނަކަށް އެއްވެސް ދަތިތަކެއް ނާދޭ،" އަމިނަތު ވިދާޅުވި އެވެ.

އެ މައްސަލާގައި ޔުނިވާސިޓީގެ އިސްވެރިންނާ ވެސް ވާހަކަ ދައްކަވަމުން އަންނަ ކަމަށް ވިދާޅުވަމުން އަމިނަތު ވިދާޅުވީ ޔުނިވާސިޓީގައި ކިޔަވާ ދިވެހި 36 ދަރިވަރުންގެ ތެރެއިން އެއްވެސް ދަރިވަރަކު ޔުނިވާސިޓީގެ ކެމްޕަހުގައި އުޅެމުން ނުދާ ކަމަށާއި ހުރިހާ ކުދިންވެސް އުޅެމުންދަނީ ޔުނިވާސިޓީގެ ބޭރުގެ ތަންތަން ކުއްޔަށް ހިފައިގެން ކަމަށެވެ. އަދި ކިޔެވުން ފެށުނުހާ އަވަހަކަށް ދިވެހި ދަރިވަރުން ޔުނިވާސިޓީ އަށް ނުކުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލްއަޒްހަރު ޔުނިވަސިޓީގެ އެކި ކުއްލިއްޔާތަކުގެ ދަރިވަރުން އިއްޔެ ކުރަމުންގެންދިޔަ މުޒާހަރާތައް ރޫޅާލުމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ވަނީ ކަރުނަގޭހާއި ލަޓިބުރީގެ އިތުރުން ރަބަރު އުންޑަ ވެސް ބޭނުންކޮށްފަ އެވެ. އަދި މުޒާހަރާކުރި ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެޔުނިވަސިޓީގެ ދަރިވަރުންނާއި މުޒާހަރާތަކުގެ ކޯޑިނޭޓިން ކޮމިޓީން ބުނެ އެވެ.