21 Oct 2013, 12:40
ގަތަރު އެއާވޭސްއިން މުޅި ދުނިޔެއަށް ހުޅުވާލައިގެން ސޭލެއް ތައާރަފުކޮށްފިއެވެ.
“ފޯޑޭ ގްލޯބަލް ސޭލް” ގެ ނަމުގައި ހުޅުވާލެވުނު މި ސޭލްގެ ދަށުން އެ އެއާލައިނުގައި ދަތުރުކުރާ ފަރާތްތަކަށް 25 ޕަސަންޓް އަގުހެޔޮކޮށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
މި އަހަރުގެ އޮކްޓޯބަރު 27 އާއި 2014 ގެ ޖޫން 19 އާއި ދެމެދު ދަތުރު ކުރުމަށް މި މަހުގެ 21 ވަނަ ދުވަހާއި 24 ވަނަ ދުވަހާ ދެމެދު ހަދާ ކޮންމެ ބުކިން އަކަށް ވެސް މި ސޭލްގެ ދަށުން ޑިސްކައުންޓް ލިބޭނެކަމަށް ގަތަރު އެއާވޭސްއިން ބުނެއެވެ. އަދި މި ޑިސްކައުންޓް ލިބޭ މިންވަރު ކަނޑައެޅޭނީ ދެކޮޅު ޓިކެޓަށް ނަގާ ހަރަދުގެ މައްޗަށް ކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.
ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަކްބަރު އަލް ބޭކަރ ވިދާޅުވީ، މި ސޭލްގެ ސަބަބުން ގަތަރު އެއާވޭސް އާއި އެކު ދަތުރު ކުރާ ފަރާތްތަކުގެ ތެރެއިން ކުރިއާލާ ބުކިންގްސް ހަދާ ފަރާތް ތަކަށް 130 އަށް ވުރެ ގިނަ ބައިނަލް އަގުވާމީ މަންޒިލަށް އަގު ހެޔޮކޮށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ.
“ގަތަރު އެއާވެސްއާ އެކު ދަތުރުކުރުމަށް ކުރީބައިގައި ބުކް ކުރާ ފަރާތްތަކަށް ގިނަގުނަ ފައިދާތަކެއް ލިބި، ދުނިޔޭގެ 130 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުކުރުމުގެ ފުރުސަތު ތަނަވަސްވާނެ” އަކްބަރު އަލް ބޭކަރު ވިދާޅުފިއެވެ.
ދައުލަތުލް ގަތަރުގެ ބައިނަލްއަގުވާމީ އެއާލައިން، ދުނިޔޭގެ ދަތުރުފަތުރުގައި މަޝްހޫރުކަން ހޯދާފައިވާ ގަތަރު އެއާވޭސް އުފެދުނީ މީގެ 16 އަހަރު ކުރިންނެވެ. މިއަހަރު ފަރަންސޭސީވިލާތުގައި ބޭއްވި ސްކައިޓްރެކްސް ވާލްޑް އެއާލައިން އެވޯޑްސްގައި ތިން ވަނައެއް ހޯދާފައިވާ ގަތަރު އެއާވޭސްގެ 129 މަތިންދާބޯޓެއް ދުނިޔޭގެ 123 ގައުމަކަށް މިއަދު ދަތުރުކުރަމުން ގެންދެއެވެ.