ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރުގައި އެ މުބާރާތް ބޭއްވުމަށް ކުރިމަތިވާ އެންމެހައި މައްސަލަތައް އަމިއްލައަށް ހައްލުކުރުމަސް ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ގޮވާލައްވައިފި އެވެ.

ކެނަލް ޕްލަސް އަށް ދެއްވި އިންޓަވިއުއެއްގައި ފްރާންސްގެ ކްރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ވިދާޅުވީ، ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުމަކީ ގަތަރުގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ނަސީބެއް ކަމަށާއި އެހެން ނަމަވެސް އެގައުމުގައި މުބާރާތް ބޭވުމުގައި ގިނަ ދަތިތަކެއް ހުރި ކަމަށެވެ.

"މި މުބާރާތަކީ ގަތަރުގެ ރައްޔިތުންނަށް ލިބިދޭ ރަނގަޅު ހަދިޔާއެއް،" ޕްލެޓިނީ ވިދާޅުވި އެވެ. "އެހެން ނަމަވެސް އެމީހުން އެބަޖެހޭ މައްސަލަތައް ހައްލު ކުރަން. ވޯލްޑް ކަޕް ކުޅޭނީ ފިނި މޫސުމުގަތޯ ނުވަތަ ހޫނު މޫސުމުގަތޯ ބެލުމަށް ވުރެ މާ މުހިއްމު ކަންތަތައްތައް އެބަހުރި ހައްލުކުރަން ޖެހޭ."

އާންމުކޮށް ވޯލްކަޕް ފުޓްބޯޅަ މުބާރާތް ޖޫން-ޖުލައި ގައި ބާއްވާއިރު ގަތަރުގައި އެދުވަސްވަރު ފިނި ހޫނުމިން 50 ޑިގްރީއަށް މައްޗަށް ދާނޭ ކަމަށް ލަފާކުރެވެ އެވެ. އަދި އޭގެ ސަބަބުން ކުޅުންތެރިންގެ އިތުރުން ކުޅިބަލަން ދާމީހުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތި ލާން ޖެހޭނޭ ކަމަށްވެ އެވެ.

ގަތަރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ހުރިހާ ސްޓޭޑިއަމްތަކެއް އޭސީ ކޮށްގެން މުބާރާތް ކުރިއަށް ގެންދިއުމަށް ވެސް އެގައުމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި މުބާރާތް އަހަރުގެ ކޮންމެ ދުވަސްވަރަކަށް ތާވަލް ކުރި ކަމުގައިވީ ނަމަވެސް އެގޮތަށް ވެސް އެގައުމު ތައްޔާރަށް އޮތް ކަމަށެވެ.

ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށް ވޯލްކަޕް ބޭއްވުމަށް ޕްލެޓިނީ ބާރުއަޅުއްވާފައިވާއިރު ފީފާގެ ރައީސް ސެޕް ބްލެޓާ ވެސް ވަނީ، 2022 ވަނަ އަހަރުގެ ވޯލްކަޕް ޖޫން-ޖުލައި ހިސާބުގައި ބޭއްވުމުގެ ބަދަލުގައި ފިނި މޫސުމާ ދިމާކޮށް ބާއްވަން ޖެހިދާނޭ ކަމުގެ އިޝާރާތެއް ކުރަށްވާފަ އެވެ.