21 Oct 2013, 10:54
މިނިވަން އިންސާފުވެރި އަދި އިތުބާރު ކުރެވޭ އިންތިހާބެއްގައި ވީހާ އަވަހަކަށް ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ގޮވާލައިފި އެވެ.
ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ތަރުޖަމާނު އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގައި އަލުން ބާއްވަން އުޅުނު ރިޔާސީ އިންތިހާބު ބޭއްވިފައި ނުވާތީ ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން ހުންނެވި ކަމަށެވެ.
"ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ސުޕްރީމްކޯޓުން ބާތިލުކޮށް އަލުން ބާއްވަން އުޅުނު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރުމާ އެކު ވެސް ނުބޭއްވި ވާތީ ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަ އެވެ. ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ސުލްހަވެރިކަން ދަމަހައްޓައި ސިޔާސީ ލީޑަރުންނާއި މުއައްސަސާތަކުގެ ވެރިން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް ސެކްރެޓަރީ ޖެނެރަލް ގޮވާލައްވަ އެވެ. ޑިމޮކްރެޓިކް ޕްރޮސެސް އަށް އިހުތިރާމްކޮށް ނޮވެމްބަރު 11 ވަނަ ދުވަހު އާ ރައީސަކަށް ހުވާކުރެއްވޭނެ ގޮތަށް، މިނިވަން އިންސާފުވެރި އަދި އިތުބާރުކުރެވޭ އިންތިހާބެއްގައި ވީހާ އަވަހަށް ބައިވެރިވަޑައިގެން ގޮވާލައްވަ އެވެ،" ބަޔާނުގައިވެ އެވެ.
ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ބޭއްވި އިންތިހާބުގައި ރާއްޖޭގެ ވޯޓްލާ އާބާދީގެ 88 ޕަސެންޓް މީހުން ވޯޓުލާފައި ވުމުން ދިވެހިން އެދޭގޮތް އެނގޭ ކަމަށް ވެސް ބާން ވިދާޅުވެފައިވެ އެވެ.
".. ރައްޔިތުން އެދޭ ގޮތާ ދެކޮޅު ހެދިގެން ނުވާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވަރުގަދައަށް ގަބޫލުކުރައްވަ އެވެ." ބަޔާނުގައިވެ އެވެ.