ޓެކްސީ ދަތުރުތަކަށް މީގެ ކުރިން 20ރ. ނަގަމުންއައި ނަމަވެސް މިހާރު ދަތުރަކަށް 25ރ. ނެގުން އާންމުވެއްޖެ އެވެ.

"ސަން" އާ ވާހަކަ ދެއްކި ބައެއް ޓެކްސީ ސެންޓަރުތަކުގެ ވެރިން ބުނީ ސަރުކާރުން ޓެކްސީ ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖައްސާފައި ވަނީ 25ރ. ކަމަށާއި ނަމަވެސް މީގެ ކުރިން 20ރ. ނަގަމުން އައީ ޓެކްސީތަކާއި ސެންޓަރުތަކާއި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ވާހަކަ ދެއްކި ގިނަ ސެންޓަރުތަކުގެ ވެރިން ބުނެފައި ވަނީ މިހާރު ދަތުރަކަށް 25ރ. ނެގުން އާންމުވެފައިވާ ކަމަށެވެ. އަދި އާންމުކޮށް 25ރ. ނަގަނީ ސެންޓަރުތަކަށް ނުގުޅާ މަގުމަތިން ނަގާ ދަތުރުތަކަށްކަމަށް ބުންޏެވެ.

ބައެއް ޓެކްސީ ޑުރައިވަރުން ބުނީ ޓެކްސީ ދަތުރުތަކުގެ އަގު 25ރ. އަށް އާންމުކޮށް ބަދަލުކުރަންޖެހުނީ މާލޭ މަގުތަކުގައި ދަތުރުކުރަން އުނދަގޫވުމާއި މިހާރު ގިނަ ދަތުރުތަކަށް ގިނަ ވަގުތު ނަގާތީ ކަމަށެވެ.

ތަކުރާރްކޮށް ޓުރާންސްޕޯޓް އޮތޯރިޓީއާ ގުޅުމުން ވެސް އެކަމާ ގުޅޭ ގޮތުން ވަނީ ބަހެއް ލިބޭގޮތް ނުވެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން 2008 ވަނަ އަހަރުން ފެށިގެން ހަމަޖައްސާފައި ވަނީ ހެނދުނު 6 އިން ރޭގަނޑު 12 އާ ހަމައަށް ޓެކްސީ ދަތުރެއް ކޮށްދޭ އަގަކީ 25ރ. ކަމަށެވެ. ނަމަވެސް މީގެ ކުރިން ޓެކްސީ ޑުރައިވަރުން ނަގަމުންދިޔައީ 20ރ. އެވެ. ގަވައިދު ބުނާ ގޮތުން ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު ދަތުރެއް ކޮށްދެނީ 30ރ. އަށެވެ. އަދި ޑިކީ އަށް އެއްޗެއް ލައިގެން ދަތުރެއް ކުރާ ނަމަ ދަތުރުގެ އަގުގެ އިތުރުން ފަސް ރުފިޔާ ނަގާނެ ކަމަށާއި އެއް ގަޑިއިރުގެ ދަތުރެއް ކޮށްދޭނީ 130ރ. އަށް ކަމަށް ވެސް ޓްރާންސްޕޯޓު އޮތޯރިޓީގެ ގަވައިދުގައި ބުނެފައިވެ އެވެ.