އިނގިރޭސި ލީގުގައި ރޭ އެސްޓަންވިލާއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގެ ލައިންސްމަނަކަށް، ސަޕޯޓަރުންގެ ތެރެއިން ބަޔަކު "ދުން ބޮމެއް" އެއްލައިގެން ހަމަލާދީފި އެވެ.

ވިލާ ޕާކުގައި ކުޅުނު މެޗުގެ އެއްފަރާތުން ރޮނގު ބަލަހައްޓަން ހުރި އެސިސްޓެންޓް ރެފްރީ ޑޭވިޑް ބްރަޔަންއާ ދިމާއަށް ފަޓާހެއް ނުވަތަ އެފަދަ ބަޑިބޭހުގެ ކުޅިވަރުގައި ބޭނުންކުރާ ޒާތުގެ ދުން އަރާ އެއްޗެއް އެއްލާފައިވަނީ، ޓޮޓެންހަމްގެ ސަޕޯޓަރުންގެ ތެރޭގައި ތިބި ބައެކެވެ.

ފުރަތަމަ ހާފްގެ 31 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ޓައުންސެންޑް ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރިހޯދައިދިން ވަގުތު އެޓީމުގެ ސަޕޯޓަރުން ތިބި ފަޅީގައި ރޮނގު ބަލަހައްޓަން ހުރި ބްރާޔަންއާ ދިމާއަށް އެއްލި ދުން ބޮން ގޮސްޖެހުނީ އޭނާގެ ކަނދުރާ މަތީގަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން މެޗުގެ ކުޅުން ވަގުތީ ގޮތުން މެދު ކަނޑާލުމަށްފަހު އަލުން ފެށީ ބްރަޔަންއަށް އެއްވެސް ގެއްލުމެއް ނުވާކަން ޔަގީން ކުރުމަށް ފަހުއެވެ.

ފުލުހުން ވަނީ އެ ހާދިސާ ވަގުތުން ތަހުގީގު ކުރަން ފަށާފަ އެވެ. އަދި އެކަމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަންވެސް ފުލުހުން ކަށަވަރުކޮށްދެ އެވެ.

އިނގިރޭސި އެފްއޭއިން ވެސް ވަނީ އެ ހާދިސާ ވަރަށް ބޮޑަށް ކުށްވެރިކޮށް އަދި އެކަންތައް ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

"މި ހާދިސާ އެފްއޭއިން ވަރަށް ރަނގަޅަށް ތަހްގީގު ކުރާނަން. އަދި މިއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭފަދަ އަމަލެއް ނޫން. އޮފިޝަލުން މެޗް ރިޕޯޓު ހުށަހެޅުމުން ކްލަބްތަކާ ވާހަކަ ދައްކާނަން،" އެފްއޭގެ ތަރުޖަމާނަކު ވިދާޅުވި އެވެ. "ފަޔަވޯކްސް ފަދަ ތަކެތި ފުޓްބޯޅަ ކުޅޭ ތަންތަނަށް ވެއްދުމަކީ ވަރަށް ނުރައްކާތެރި ކަމެއް."

ރޭގެ މެޗު ޓޮޓެންހަމް ކާމިޔާބުކުރީ 2-0 އިން ނެވެ. އެ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 69 ވަނަ މިނިޓުގައި ރޮބާޓޯ ސޮލްޑާޑޯ އެވެ. އެ މެޗުގެ ނަތީޖާއާ އެކު ޓޮޓެންހަމް ވަނީ 16 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފަ އެވެ.

ޓޮޓެންހަމްގެ ކޯޗް އަންދްރޭ ވިއަސް ބޮއަސް ބުނީ، ލައިންސްމަނަށް ދެވުނު ހަމަލާ ކުއްވެރި ކުރާ ކަމަށާއި އަދި އެފަދަ އަމަލުތައް އެއްވެސް ބަޔަކު ހިންގައިގެން ނުވާނޭ ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ނުފެންނާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.