އިންތިހާބު އަވަސް ކުރުމަށް ގޮވާލައި އެމްޑީޕީ ބަޔަކު ރ. މަޑުއްވަރީ ރަށު ކައުންސިލްގެ އިދާރާ ބަންދުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެ ރަށުގެ ކައުންސިލް މެމްބަރަކު ވިދާޅުވީ އެ ކަމަކީ މަޑުއްވެރީ ކައުންސިލް އިދާރާގައި މަސައްކަތްކުރައްވާ އެމްޑީޕީ ކައުންސިލް މެމްބަރުންނާއި އެންމެ ފަހުން އެމްޑީޕީ އަށް ސޮއިކުރި ޑީއާރްޕީ މެމްބަރު އަބްދުލްﷲ އަހުމަދު އިސްވެ ހުންނަވައިގެން ހިންގާ އަމަލެއް ކަމަށެވެ.

"މި ރަށުގެ ކައުންސިލް އިދާރާގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަށް. މިކަމަކީ ވެސް ކައުންސިލްގައި އުޅޭ އެމްޑީޕީ މެމްބަރުން އިސްވެ ތިބެ ކުރާ ކަމެއް. އަދި އެންމެ ފަހުން ޑީއާރްޕީ އިން އެމްޑީޕީ އަށް ސޮއި ކުރި މެމްބަރު މިކަމުގައި އިސްވެ އުޅެނީ." މަޑުއްވަރީ ރަށު ކައުންސިލް މެމްބަރަކު ބުންޏެވެ.

މިއަދުގެ ހެދުނު ހަތެއް ޖެހި އިރު އޮފީސް ދޮރުމަށްޗަށް އެމްޑީޕީ މީހުން އެއްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮފީސް ދޮރުކުރިމަތީ ޖޯލިފަތިތަކާއި އެމްޑީޕީ ދިދަތައް ނަގައިގެން އިންތިހާބު އަވަސް ކުރުމަށާއި އިންތިހާބު ބާއްވާނެ ތާރީހެއް އަވަހަށް އެންގުމަށް އެދެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކަށް މިހާރު އެ މައްސަލަ އަންގައިފައިވާނޭ ކަމަށާއި ހަމަނުޖެހުމެއް ހިނގައި ފާނެތީވެ އޮފީސް ހުޅުވުމަށް މަސައްކަތް ނުކުރާ ކަމަށެވެ.