ޤާހިރާ (އޮކްޓޯބަރ 21): މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ސިފައިން ގެނައި އިންގިލާބާ ދެކޮޅަށް އަލްއަޒްހަރު ޔުނިވަރސިޓީގެ ދަރިވަރުން މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރަމުން ގެންދާތީ އެކަން ހުއްޓުވުމަށް މިސްރުގެ ސަލާމަތީ ބާރުތައް އަލްއަޒްހަރު ޔުނިވަރސިޓީގެ ކެންޕަސް އަށް ވަދެގަނެ ކިޔަވާކުދިންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފި އެވެ.

އަލްއަޒްހަރު ޔުނިވަރސިޓީގެ އެކި ކުއްލިއްޔާތަކުގެ ދަރިވަރުން އިއްޔެ ކުރަމުންގެންދިޔަ މުޒާހަރާތައް ރޫޅާލުމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ކަރުނަގޭހާއި ލަޓިބުރީގެ އިތުރުން ރަބަރު އުންޑަވެސް ބޭނުންކޮށްފައިވާ ކަމަށާ މުޒާހަރާކުރި ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާ ކަމަށް އެޔުނިވަރސިޓީގެ ދަރިވަރުންނާއި މުޒާހަރާތަކުގެ ކޯޑިނޭޓިން ކޮމިޓީން ބުނެ އެވެ.

މިސްރުގެ ސިފައިން ނުކުމެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ މަގާމުން ދުރުކުރުމާ އެކު ޢަސްކަރީ އިންގިލާބާ ދެކޮޅަށް މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން މިސްރުގެ ކަންކޮޅުތަކުގައި މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރަމުންގެންދާތާ ވަނީ ތިން މަހަށް ވުރެ ގިނަދުވަސްވެފަ އެވެ. މިމުޒާހަރާތައް ފުޅާވެ ޢަސްކަރީ އިންގިލާބާ އިދިކޮޅު ރޫޙު މިސްރުގެ ޒުވާނުންގެ މެދުގައި އިތުރުވަމުންދާ އިރު އަލްއަޒްހަރު ޔުނިވަސިޓީއާއި ގާހިރާ ޔުނިވަސިޓީ ފަދަ މިސްރުގެ ބޮޑެތި ޔުނިވަސިޓީގެ ދަރިވަރުން ވެސް ވަނީ މިއިހްތިޖާޖްތަކުގައި ބައިވެރިވާން ފަށާފަ އެވެ. މިސްރުގެ ސިފައިންގެ ކޮންޓްރޯލް އޮންނަ ވަގުތީ ސަރުކާރުން ވަނީ ޑރ. މުރުސީ އާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސް ހުރިހާ ލީޑަރުން ހައްޔަރުކޮށްފަ އެވެ. އަދި އިޚްވާން ޖަމާއަތް އުވާލުމަށް ވެސް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ޢަސްކަރީ އިންގިލާބާ ދެކޮޅަށް އަޑުއުފުލައި ޑރ. މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި މިސްރުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން ކުރަމުންގެންދާ އިހްތިޖާޖްތައް ރާވައި އިންތިޒާމް ކުރަނީ "ސްޓޫޑެންޓްސް އަގައިންސްޓް ކޫ" ނަމަކަށް ކިޔާ މުރުސީއަށް ތާއީދުކުރާ ސިޔާސީ ހަރަކާތަކުންނެވެ. މިހަރަކާތް ބުނާ ގޮތުން މުޒާހަރާތައް ފުޅާވެ އަލްއަޒްހަރު ޔުނިވަރސިޓީ އާއި މިސްރުގެ އެހެން ޔުނިވަސިޓީތަކުގައި ވެސް މުޒާހަރާތައް ކުރަން ފެށީ ޑރ. މުރުސީ މަޤާމުން ދުރުކުރުމުގެ އިތުރުން އެކަމާދެކޮޅަށް ސުލްޙަވެރިކަމާ އެކު އިހްތިޖާޖްކުރާ އާންމު ރައްޔިތުންނާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބާރުބޭނުންކޮށް ގިނަ އަދަދަކަށް މީހުން މަރައި ޒަޚަމްކޮށް އަދި ޝަރީއަތަކާނުލައި ހައްޔަރުކުރުންފަދަ ހަރުކަށި އަމަލުތައް ވަގުތީ ސަރުކާރުން ހިންގަމުން ގެންދިޔުމުގެ ސަބަބުންނެވެ.

ޑރ. މުރުސީ އަށް ތާއީދުކޮށް އޭނާ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި ގާހިރާގެ ރާބިޢާ އަލްއަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި އިހްތިޖާޖްތައް ކުރި އެތައް ހާސް ބަޔަކާ ދެކޮޅަށް ސިފައިންނާއި ފުލުހުން މިދިޔަ ޖުލައިމަހު ބާރުގެ ބޭނުން ކުރުމާ ގުޅިގެން 800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. (އަލްޖަޒީރާ)