21 Oct 2013, 09:49
ސްޓޮކްހޯމް (އޮކްޓޫބަރު 20) – ސްޓޮކްހޯމް އޯޕަން ފައިނަލްގައި ސްޕެއިންގެ ޑޭވިޑް ފެރާ ބަލިކޮށް ބަލްގޭރިއާގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ގްރިގޯ ޑިމިޓްރޯފް ފުރަތަމަ ފަހަރަށް އޭޓީޕީ ވޯލްޑް ޓުއާ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގެ ރޯޔަލް ލޯން ޓެނިސް ކްލަބްގައި ކުރިއަށް ގެންދިޔަ ފައިނަލްގައި ދުނިޔޭ ތިންވަނަ އަދި ސްޕެއިންގެ ދެވަނަ ޓެނިސް ކުޅުންތެރިޔާ ފެރާ އަތުން ދުނިޔޭގެ ޓެނިސް ރޭންކިންގެ 28 ވަނަ މަގާމްގައި ހުރި ޑިމިޓްރޯފް ޗެމްޕިއަންކަން ހޯދީ ފެރާ ކުރިހޯދާފައި ވަނިކޮށް 2-6, 6-3, 6-4 އިން ސެޓްތައް ކާމިޔާބު ކޮށްގެންނެވެ.
މިއަހަރު ތިންވަނަ ޓައިޓްލް ކާމިޔާބުކުރުމަށް ނުކުމެ ހުރި ފެރާ ވަނީ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއެކު ހޯދާފަ އެވެ. އެހެން ނަމަވެސް ދެވަނަ ސެޓް ވާދަވެރިކަމާ އެކު ފެރާއަށް ޑިމިޓްރޯފް ވަނީ ކާމިޔާބު ކުރި އެވެ. އަދި ނަތީޖާ ނެރުނު ސެޓްގައި ފެރާއަށް ބްރޭކް ޕޮއިންޓް ދެފަހަރު ގެއްލުމުގެ ނަތީޖާއަކަށްވީ، އޭގެ ފައިދާ ޑިމިޓްރޯފް ނެގުމެވެ.
ޑިމިޓްރޯފްގެ މި ކާމިޔާބަކީ އޭޓީޕީ އޯޕަންސް ކުޅެންފެށިފަހުން ބަލްގޭރިއާ ކުޅުނުތެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ވޯލްޑް ޓުއާގައި ދެކުޅުންތެރިން ހަތަރު ފަހަރު ބައްދަލުކޮށްގެން ފެރާގެ މައްޗަށް ޑިމިޓްރޯފް އަށް ކާމިޔާބު ހޯދުނު ފުރަތަމަ ފަހަރެވެ.
މުބާރާތް ކާމިޔާބުކުމުން ޑިމިޓްރޯފްއަށް މުބާރާތުގެ ޓްރޮފީ ހަވާލުކޮށް ދެއްވީ ސްވިޑްންގެ އަމީރު ޕްރިންސް ޑެނީއެލް އެވެ. އަދި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން ޑިމިޓްރޯފް އަށް ސްވިޑްންގެ ޝާހީ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތުވެސް ވަނީ ދީފަ އެވެ.
ޑިމިޓްރޯފް ބުނީ މިއީ އޭނާގެ ހަޔާތުގައިވެސް ލިބޔުނު އެންމެ ބޮޑު ކާމިޔާބު ކަމަށާއި އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔަކު ފައިނަލް މެޗެއްގައި ބަލިކުރެވުމުން ބުނަން ނޭނގޭ ފަދަ އުފާވެރި އިހްސާސްތަކެއް ކުރެވޭ ކަމަށެވެ.
ފެރާ ބުނީ ޑިމިޓްރޯފް ވަނީ މެޗުގެ މުހިއްމު ދަނޑިވަޅުތަކުގައި ރަނގަޅަށް ކުޅެފައިކަމަށެވެ. އަދި އޭނާއަށް މެޗު ގެއްލެން ދިމާވީ ތިންވަނަ ސެޓްގައި މެޗް ނިންމާލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފެވުމުން ކަމަށެވެ.
އޭޓީޕީ ޓްރޮފީއާ އެކު ޑިމިޓްރޯފްގެ ރޭންކިން 22 ވަނައަށް ކުރިއަށް ޖެހިލާނެ އެވެ. އަދި 250 އެމިރޭޓްސް އޭޓީޕީ ޕޮއިންޓާކު އޭނާއަށް 95700 ޔޫރޯ ލިބޭނެ އެވެ.