21 Oct 2013, 09:25
އަމީރު އަހުމަދު ސްކޫލު ކައިރީގައި ލޮނުޒިޔާރަތްމަގުގައި ހުންނަ ޖުމްހޫރީ ޕާޓީގެ ޖަގަހައެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ދެމުން އެ ތާގައި އެއްވެފައި ތިބި މީހުން ބުނީ އާއްމުކޮށް ވަދެވެން ހުންނަ އަދި ބޭރަށް ނުފެންނަ ގޮތަށް ހުސް ތަންކޮޅެއް ވެސް އެތެރޭގައި ހުންނަ އެ ޖަގަހައިގެ ހެނދުނު 9:00 އެހާކަންހާއިރު މީހަކު މަރުވެފައި އޮތުމުން ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އަދި މަރުވެފައި ވަނީ ފިރިހެނެއް ކަމަށާއި އޭނާ މަރުވެފައި ވަނީ ދަންޖެހިގެން ކަމަށް ބެލެވޭ ކަމަށް ވެސް އެތަނުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިނެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ މަރުވެފައިވާ ކަން ފުލުހުންނަށް އަންގާފައި ވަނީ އޭނާ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ އެވެ.
އެ ޒުވާނާ އެ ތަނުން ނެރުނު ފުލުހުން ވެސް ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް މިއަދު 8:27ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފެންނަން ހުރި ނިޝާންތަކުން ބެލެވެނީ ދަންޖެހިފައި ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާތީ ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ.