ލަންޑަން (އޮކްޓޯބަރ 21): އިންޑިޔާ ކަނޑުގައި ކަނޑުފޭރުމުގެ ޢަމަލުތައް ހިންގަމުން ގެންދާ ކަމަށް ބެލެވޭ ސޮމާލިޔާގެ ކަނޑުފޭރޭ މީހުންގެ ޖަމާއަތެއްގެ ބަޔަކު ހައްޔަރުކޮށްފިކަން އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިން ހާމަކޮށްފި އެވެ.

އިންޑިޔާ ކަނޑުގައި ހަރަކާތްތެރި އިނގިރޭސި ކަނޑުގެ ސިފައިންގެ އެންޓި ޕައިރެސީ ބާރުތަކުން ބުނީއެ ބާރުތައް އިސްކޮށް އޮވެގެން ހިންގި މިއޮޕަރޭޝަންގައި ސޮމާލިޔާގެ ކަނޑުފޭރޭ މީހުން ކަމަށް ޝައްކުކުރެވޭ 10 މީހުންގެ މައްޗަށް އެކުލެވޭ ޖަމާއަތެއްގެ ބަޔަކު ކަނޑުމަތިން ހައްޔަރުކުރުމުގެ އިތުރުން އެމީހުން ކަނޑުފޭރުމުގައި ބޭނުންކުރާ ކަމަށް ބެލެވޭ ދެ އުޅަނދު ފައްތާލައި އެދެއުޅަނދުގައިވާ ހަތިޔާރުތަކެއް އަތުލައި ގަނެވިފައިވާ ކަމުގަ އެވެ. މީގެ ދެ ތިން ދުވަސްކުރިން އަރަބި ކަނޑުން ދަތުރުކުރި އާގު ބޯޓެއް ކަނޑުފޭރުމަށް މަސައްކަތްކުރި ކަމުގެ ޚަބަރު ލިބިފައިވާ އިރު އެކަމުގެ ފަހަތުގައި ވަނީ މިޖަމާއަތް ކަމަށް ބެލެވޭ ކަމަށް އިންޑިޔާ ކަނޑުގައި ހަރަކާތްތެރި އިނގިރޭސި ކަނޑުގެ ސިފައިންގެ އެންޓި ޕައިރެސީ ބާރުތަކާ ޙަވާލާދީ ބީބީސީ ބުނެ އެވެ.

ސޮމާލިޔާގެ ކަނޑުފޭރޭ މީހުންގެ ޖަމާއަތަކާ ދެކޮޅަށް އިންޑިޔާ ކަނޑުގައި އިނގިރޭސި ކަނޑުގެ ސިފައިން ހިންގި މިއޮޕަރޭޝަންގައި ދެކުނު ކޮރެޔާގެ މަނަވަރަކާއި އޮސްޓްރޭލިޔާ މަނަވަރެއް ވެސް ބައިވެރިވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ. އިނގިރޭސި ކަނޑުގެ ސިފައިންގެ އެންޓި ޕައިރެސީ ބާރުތަކުގެ ކޮމާންޑަރު އެޑްމިރަލް ޖެރިމީ ބެންޑަން ވަނީ މިއީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ސިފަކުރައްވާފަ އެވެ. މިއޮޕަރޭޝަން ހިންގި ތަނަކާއި އިނގިރޭސި ކަނޑުގެ ސިފައިން ހާމަކޮށްފައި ނުވި ނަމަވެސް މިއޮޕަރޭޝަން ހިންގާފައި ވަނީ އަރަބި ކަނޑުގެ ދެކުނުގެ ހިސާބެއްގައި ކަމަށް ޚަބަރުތައް ބުނެ އެވެ. (ބީބީސީ)