ޑާކާ (އޮކްޓޯބަރ 21): ބަންގްލަދޭޝްގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ވެރިކަންކުރާ އަވާމީ ލީގް ޕާޓީއާއި އިދިކޮޅު ވަތަނީ ޕާޓީގެ ދެމެދުގައި ހިނގަމުންދާ ސިޔާސީ ވާދަވެރިކަން މަގުމަތީގައި ހިނގާ ކުރިމަތިލުންތަކަށް ބަދަލުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

މި ދެ ޕާޓީގެ ސިޔާސީ ކޯޅުންތައް މަގުމަތީގެ ހަމަނުޖެހުންތަކަކަށް ބަދަލުވުމަކީ އަންނަ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ އާންމު އިންތިޚާބަށް ހުރަސްއެޅި އެއިންތިޚާބު ފަސްވެގެން ދިޔުމުގެ ބިރު އޮތްކަމެއް ކަމަށް ބަންގްލަދޭޝްގެ ސިޔާސީ ފަރާތްތަކާ ޙަވަލާދީ ރޮއިޓާސް ޚަބަރުދެ އެވެ.

ބަންގްލަދޭޝްގައި ވެރިކަންކުރާ އަވާމީ ލީގް ޕާޓީ އާއި އިދިކޮޅު ވަތަނީ ޕާޓީގެ ދެމެދުގައި ހިނގަމުންދާ ސިޔާސީ ވާދަވެރިކަން ކުރިމަތިލުންތަކާއި ތަޅާފޮޅުންތަކަކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައި ވާތީ ސަލާމަތީ ބާރުތަކުން ވަނީ އެގައުމުގެ ބޮޑެތި ސިޓީތަކުގައި އެއްވެ އުޅުން މަނާކޮށްފަ އެވެ. ބަންގްލަދޭޝް ފުލުހުން، އެއްވެ އުޅުން ވަގުތީ ގޮތުން މަނާކުރީ، އާއްމު އިންތިޚާބުގެ ކުރިން ގައުމީ އެއްބައިވަންތަ ވަގުތީ ސަރުކާރެއް އެކުލަވާލާ، ބޮޑު ވަޒީރު ޝެއިޚް ހަސީނާ މަޤާމުން އިސްތިއުފާ ނުދެއްވައިފި ނަމަ ޤައުމީ ފެންވަރުގައި ހަތިޔާރާ އެކު މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ވަތަނީ ޕާޓީން ދީފައި ވަނިކޮށެވެ.

އިދިކޮޅު ބީއެންޕީން އިއްޔެ ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އެޕާޓީގެ ޑިމާންޑްތަކަށް ބޯ ނުލަނބައިފި ނަމަ ހަތިޔާރާ އެކު މަގުތަކަށް ނުކުމެ އިޙްތިޖާޖްތައް ކުރަންފަށާނެ ކަމުގެ އިންޒާރު ދީފައެވެ. އާއްމު އިންތިޚާބުގެ ކުރިން ގައުމީ އެއްބައިވަންތަ ވަގުތީ ސަރުކާރެއް އެކުލަވާނުލައި އިންސާފުވެރި ދެފުށްފެންނަ އިންތިޚާބެއް ނުބޭއްވޭނެ ކަމަށްވެސް އިދިކޮޅު ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ބުނެ އެވެ.

ބަންގްލަދޭޝްގެ ފުލުހުންބުނާގޮތުން އެއްވެ އުޅުން މަނާ ކުރީ،އިދިކޮޅު ފަރާތްތަކުގެ މުޒާހަރާގެ ސަބަބުން ޤާނޫނާ ޚިލާފު އަމަލުތަކެއް ހިންގައި، ގައުމުގެ އަމާންކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވުމުންނެވެ. ވަކިމުއްދަތެއް ނެތްގޮތަށް އެއްވެ އުޅުން މަނާކޮށްފައި ވާތީ ބީއެންޕީ ން ވަނީ މިއީ ގާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމާ ޚިލާފު ކަމެއް ކަމަށްބުނެ ބަންގްލަދޭޝްގެ ފުލުހުން ކުށްވެރިކޮށްފަ އެވެ.

އިދިކޮޅު ބީއެން ޕީން ވަނީ ބޮޑުވަޒީރާ ޝެއިޚް ހަސީނާގެ ބާރު އޮންނަ ސަރުކާރެއްގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބަކަށް އެއްބާރުލުން ނުދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. މިކަމާ ގުޅިގެން ޝައިޚް ހަސީނާ ވާޖިދުވަނީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމަށް އުސޫލެއްގެ ގޮތުން އެއްބަސްވެ އިއްޔެ އެކަން އިދިކޮޅު ފަރާތްތަކަށް ހުށަހަޅާފައި ކަމަށް ޚަބަރުލިބެ އެވެ. (ރޮއިޓާސް)