އިންތިހާބު އަވަހަށް ބޭއްވުމަށް ގޮވައިލައި އިހްތިޖާޖު ކުރުމަށް އެމްޑީޕީން ބަންދު ކުރި މާލޭގެ މަގުތަށް ފުލުހުން ހުޅުވަން އުޅުމުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތަށް ބަޔަކު ހައްޔަރުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލް ކުރިމަތީ މަޖީދީމަގާއި އެ މަގުގައި ހުންނަ އެމްޑީޕީ "ޖަންބު ޖަގަހަ" އާއި ބީޖީ ގަރާޖު ސަރަހައްދާއި ސިޓީ ހޮޓާ ސަރަހައްދުގެ މަގު އެމްޑީޕީގެ ސަޕޯޓަރުން ބަންދުކޮށްގެން އުޅޭތީ ފުލުހުން ވަނީ އެތަންތަނަށް ގޮސް، ނަސޭހަތްތެރިވުމަށްފަހު، މަގުތައް ހުޅުވުމަށް މިރޭ އިންޒާރު ވެސް ދީފަ އެވެ.

ބީޖީ ގަރާޖު ސަރަހައްދާއި ސިޓީ ހޮޓާ ސަރަހައްދަށް ފުލުހުން ގޮސް ނަސޭހަތްތެރިވުމުން އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ އެ ސަރަހައްދުގެ މަގުތައް ހުޅުވާފަ އެވެ. މާލޭ ސިޓީ ކައުންސިލް، މަޖީދީމަގާއި އެ މަގުގައި ހުންނަ ޖަންބު ޖަގަހަ ހިމެނޭ ސަރައްދުގެ މަގުތައް ހުޅުވީ ފުލުހުން ގޮހެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ފުލުހުން މިރޭ މަގުތައް ހުޅުވަން އުޅުމުން، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކުރި ކަމަށެވެ. އަދި ފުލުހުންނާ ދިމާލަށް ގަލެއް އެއްލައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރި ކަމަށާއި ފުލުހުންނަށް އިންޒާރު ދިން މީހަކު ވެސް ހައްޔަރު ކުރި ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"ޖުމްލަ ފަސް މީހަކު ހައްޔަރު ކުރިން. އެ މީހުންގެ ތެރެއިން އެކި މީހުންގެ މައްޗަށް ތިން ތުހުމަތެއް ކުރެވޭ. އެއީ ފުލުހަކަށް ހަމަލާދިނުމާއި ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އިންޒާރު ދިނުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހަކަށް ގާބުރިއަކުން ހަމަލާދިނުމާ ގުޅިގެން، ފުލުސް މީހެއްގެ ފަޔަށް ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އޮތް އިންތިހާބަށް ފުލުހުން ހުރަސް އެޅި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ކެންސަލް ކުރުމާ ގުޅިގެން އެމްޑީޕީން ވަނީ އެ ދުވަހުގެ މެންދުރުފަހުން ފެށިގެން މާލޭގެ ބައެއް މަގުތައް ބަންދުކޮށްގެން "ވަގުތުން ވަގުތަށް އިންތިހާބު ބޭއްވުމަށް" ގޮވާލައި އިހްތިޖާޖުކޮށްފަ އެވެ.