އިންތިހާބު އަވަހަށް ބޭއްވުމަށް ގޮވައިލައި މާލޭގެ ބައެއް މަގުތައް ބަންދުކޮށްގެން އެމްޑީޕީން އިހްތިޖާޖު ކުރަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އިންޒާރުދިނުމުން ވެސް މަގުތައް ނުހުޅުވުމުން، ފުލުހުން ގޮސް ބައެއް މަގުތައް ހުޅުވަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެމްޑީޕީން ބަންދުކޮށްގެން ތިބި މަގުތަކުން ދުއްވާއެއްޗެއްސާއި ހިނގާބިނގާވެ އުޅެވޭ ގޮތަށް މަގުތައް ހުޅުވަމުންދާ ކަމަށެވެ. ބަންދުކޮށްގެން ތިބި މަގުތަކަށް ފުލުހުން ގޮސް، މަގު ބަންދު ނުކުރުމަށް ނަސޭހަތްތެރިވުމުން ބައެއް އާންމުން މަގު ބަންދުކުރާ އެއްކައިރިއަށް ޖައްސާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީޕީން މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ އިހްތިޖާޖުތަކުގެ ތެރެއިން މާލޭ ސިޓީ ކައުންސިލް ހުންނަ ސަރަހައްދުން މަޖީދީމަގު ބަންދުކޮށްގެން އިހްތިޖާޖު ކުރަމުންދާތީ، ދުއްވާ އެއްޗިއްސަށް ޖާގަ ދިނުމަށާއި އަދި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫ ނުވާނެހެން އެއް ފަރާތަކަށް ޖެހުމަށް ތަކުރާރުކޮށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ތިން ފަހަރެއްގެ މަތިން އިންޒާރު ދިނުމަށްފަހު، ފުލުހުން ވަނީ މަގުތައް ބަންދު ކުރަން ގެންގުޅުނު އެއްޗެހި މަގުގެ އެއްކައިރިއަށް ޖައްސާފަ އެވެ.

ބީޖީ ގަރާޖު ސަރަހައްދާއި ޖަންބު ޖަގަހަ ކައިރީގެ އިތުރުން ސިޓީ ހޮޓާ ސަރަހައްދުގައި ވެސް މީހުން އެއްވެފައި ތިބުމުގެ ސަބަބުން އެ ސަރަހައްދުން ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވެ ދުއްވާއެއްޗިހި ދުއްވުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ވާތީ، އާންމުންނަށް އުނދަގޫނުވާނެ ފަދައިން އެއްފަރާތަކަށް ޖެހުމަށް ފުލުހުން ވަނީ މިރޭ ނަސޭހަތްތެރިވެފަ އެވެ.

އެމްޑީޕީން މިރޭ ބަންދު ކުރި މަގުތައް ފުލުހުން ގޮސް ހުޅުވާފައިވާއިރު، އައްޑޫ ސިޓީ މަރަދޫފޭދޫ އާއި ފޭދޫއާ ގުޅޭ ލިންކުރޯޑުގެ ބްރިޖުން ދަތުރު ނުކުރެވޭ ގޮތަށް އެމްޑީޕީގެ ސަޕޯޓަރުން މަގު ބަންދުކޮށްގެން ތިއްބައި ރަޔަޓް ފުލުހުން ގޮސް ރޭ ވަނި އެ މަގު ހުޅުވާފަ އެވެ.