21 Oct 2013, 01:29
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ދެކޮޅަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު އއ. ރަސްދޫގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި 14 މީހުންގެ ތެރެއިން 13 މީހަކު ޝަރުތުތަކާ އެކު ދޫކޮށްލައިފި އެވެ.
ޝަރުތުތަކާ އެކު އެ 13 މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެ މީހުން ދޫކޮށްލި އިރު ދެ ދުވަހުގެ ތެރޭގައި މާލެއިން ފުރައިގެން ރަސްދޫއަށް ދިއުމަށް ވަނީ ޝަރުތުކޮށްފަ އެވެ. އޭގެއިތުރުން ދެ މަސް ވަންދެން ރަސްދޫ ޕޮލިސްޓޭޝަނަށް ހާޒިރުވެ ސޮއިކުރުމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.
އެ އެންމެން ވެސް ހައްޔަރު ކުރީ އެމްޑީޕީން އެރަށުގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގައި މުޒާހަރާގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
ޝަރުތުތަކާއެކު ދޫކޮށްލި މީހުންގެ ތެރޭގައި ރަސްދޫ ކައުންސިލްގެ ރައީސް ހަސަން މޫސާއާއި އއ. އަތޮޅު ކައުންސިލް މެންބަރު މުހައްމަދު ޝަފީގު ވެސް ހިމެނެ އެވެ.