އިލެކްޝަންސް ކޮމިޝަނުގެ ސާވާ އަށް ބޭރުން ބަޔަކު ވަދެފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އެއްބަސްވެވަޑައިގެންނެވުމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޕީޕީއެމް އިން ފުއާދަށް ފާޑުކީ އެކަމަށް ހާއްސަކޮށްގެން މިރޭ ބޭއްވި ނޫސްކޮންފަރެންސެއްގަ އެވެ. ނޫސް ކޮންފަރެންސްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ކައުންސިލް މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ އިލެކްޝަންސްގެ ސާވާ އަށް މީހުން ވަދެ، ޑޭޓާ އަށް ބަދަލުގެންނަ ވާހަކައަކީ އެ ޕާޓީން ކުރިއްސުރެ ބުނަމުން އައި ވާހަކައެއް ކަމަށެވެ. އަދި އެ ވާހަކައަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ރައީސް ގެންދެވީ ބީރު ކަންފަތެއް ދެއްވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މިއަދަކު އެކަނި ޕީޕީއެމް އިން ރައްޔިތުންގެ ސަމާލުކަމަށް ގެނައި ކަމެއް ނޫން، އެނގިވަޑައިގަންނަވާނެ ފަދައިން މީގެ ދޮޅުމަސް ކުރިން ވެސް އަދި އޭގެ ކުރީގެ ހާލަތުގައި ވެސް މިޝައްކުތައް އުފެދެން ފެށުމާ ގުޅިގެން މިވާހަކަ އަޅުގަނޑުމެން ދިޔައީ ރައްޔިތުންނާ ހިއްސާ ކުރަމުން. މިކަމާ ގުޅޭ މައުލޫމާތު އަޅުގަނޑުމެން ލިއުމުން ވެސް ދިޔައީ އިލެކްޝަނާ ހިއްސާކުރަމުން." ނިހާނު ވިދާޅުވި އެވެ.

ފުއާދު މަސައްކަތް ކުރައްވަނީ އިންތިހާބުގެ ނަތީޖާ ވަކިގޮތަކަށް ނެރުއްވައި ވަކި ބަޔަކަށް ކާމިޔާބުކޮށްދިނުމަށް ކަމަށް ނިހާނު ތުހުމަތު ކުރެއްވި އެވެ. ވިދާޅުވީ ވަކި ބަޔަކަށް އިންތިހާބު އެއްބުރުން ކާމިޔާބު ކޮށްދިނުމަށް ޒަމާނުއް ސުރެ ރާއްވަވަމުން ގެންދެވިކަން މިހާރު ޔަގީންވާ ކަމަށެވެ.

"މި ހިސާބުން އެކަނި ވެސް އަޅުގަނޑުމެންނަށް ޔަގީން ވެގެން ހިނގައްޖެ ފުއާދު ތައުފީގާއި އަދި އިލެކްޝަންސް ކޮމިޝަނުގައި އިސްކޮށް ތިއްބެ ބޭބޭފުޅުން ވަކި ގޮތަކަށް ވަކި ނިޔަތެއްގައި ވަކި ބަޔަކަށް މިރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކޮށްދިނުމުގެ މަސައްކަތްތަކެއް ޒަމާނުއްސުރެ ފެއްޓިގެން ރާވަމުން އަންނަކަން،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ތުހުމަތު ކުރެއްވީ ފުއާދާއި އިލެކްޝަންސް ކޮމިޝަނުގެ އެހެން މެމްބަރުން މަސައްކަތް ކުރައްވަނީ އޮޅުވާލައިގެން ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސާވާ ހެކްކޮށް ޑޭޓާބޭސްއާ ބަޔަކު ކުޅޭ ކަމަށް ޕީޕީއެމް އިން މާކުރިން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ކޮމިޝަނުން އޭރު ދިޔައީ އެކަން ދޮގުކުރަމުންނެވެ.