އައިލެންޑް އޭވިއޭޝަނުން މިހާރު ހޮދުމަތް ދެމުން އަންނަ ގުރައުންޑް ހޭންޑްލިން އާއި ކާގޯ ހިދުމަތްތައް ޖީއެމްއާރާ ހަވާލުކުރުމުން އަހަރަކު 90 މިލިއަން ރުފިޔާގެ ގެއްލުން އައިލެންޑް އޭވިއޭޝަނަށް ވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


ގްރައުންޑް އެންޑް ކާގޯގެ ހިދުމަތްތައް ޖީއެމްއާރާ ހަވާލުކުރުރުމުން އައިލެންޑް އޭވިއޭޝަންގެ އެ ޑިޕާޓް މަންޓްތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ޖީއެމްއާރަށް ބަދަލުވުމާއި ވިދިގެން އެ މުވައްޒަފުންނަށް އަލްވަދާއު ކިޔުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިން ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ގުރައުންޑް އެންޑް ކާގޯ ހިދުމަތްތައް ހުއްޓާލުމުން ކުންފުންޏަށް ވަރަށް ބޮޑު މާލީ "ޝޮކެއް" އަންނާނެ ކަމަށާއި މި ގެއްލުން ފޫބެއްދުމަށް ޓަކައި މިހާރު ވެސް ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅާފައި ވާކަމަށެވެ.  


"އަޅުގަނޑުމެން ފަންޑެއް ހޯދުމުގެ ކަންތައް މިހާރު ވެސް ވާނީ ސަރުކާރަށް ހުށަހަޅާފައި. މި އަހަރަކު އެއްވެސް މައްސަލައެއް ނުޖެހޭނެ. މި މައްސަލަ އަޅުގަނޑުމެނަށް އަންނާނީ 2011 ވަނަ އަހަރު އެކަނި،" ސަލީމް ވިދާޅުވި އެވެ.


އައިލެންޑް އޭވިއޭޝަނަށް ގެއްލުންތަކަކާ ކުރިމަތިވި ނަމަވެސް މިހާރު ތިބި 248 މުވައްޒަފުންގެ ތެރެއިން އެއްވެސް ބަޔަކު ވަޒީފާ އިން ވަކިކުރަން ނިންމާފައި ނުވާކަމަށާއި ކުންފުނީގެ އުދުހުންތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ބަންދު އިބްރާހިމް ސަލީމް ވިދާޅުވި އެވެ.


"އަޅުގަނޑުމެންގެ ޕުލޭނަކީ އެއާލައިން ކުރިއަށް ގެންދިއުން. އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖޭގެ ޑެސިގުނޭޓެޑް ކެރިއާ ކުރިއަށް ގެންދިއުން. އަޅުގަނޑުމެން މިތިބީ ގުރުބާނީތަކެއް ވެގެން ވެސް އެކަން ކުރަން ތައްޔާރަށް." ސަލީމް ވިދާޅުވި އެވެ.


ރޭގެ އެ ހަފްލާގައި އެ ކުންފުނިން ޖީއެމްއާރަށް ބަދަލުވި މުވައްޒިފުންނަށް ވަނީ ހަދާނީ ލިޔުމާއި ފިލާ ދީފަ އެވެ.