20 Oct 2013, 22:45
އެމްއެންޑީއެފް އެއާ ވިންގްގައި ބޭނުންކުރަމުންގެންދާ ކުރަނގި ހެލިކޮޕްޓަރު މަރާމާތަށް އިންޑިޔާ ކޯސްޓްގާޑް މަނަވަރު، އައިސީޑީއެސް ސަންގްރަމް ގައި އެމްއެންޑީއެފް ސަދަން އޭރިއާއިން އިންޑިޔާއަށް މިއަދު ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ކުރަނގި ހެލިކޮޕްޓަރު މަރާމާތަށް އިންޑިޔާއަށް ގެންދިޔައީ ރޫޓިންގްކޮށް ކޮންމެ އަހަރަކު ވެސް ކުރަމުންގެންދާ މަރާމާތުތައް ކުރުމަށް ކަމަށެވެ. ނަމަވެސް އެ ހެލިކޮޕްޓަރު އަނބުރާ ގެންނާނެ ދުވަހެއް އެމްއެންޑީއެފް އިން ނުބުނެ އެވެ.
"ކުރަނގި ހެލިކޮޕްޓަރު މަރާމާތަށް އިންޑިޔާއަށް މިހާރު ގެންގޮސްފައިވާއިރު، އިންޑިޔާ ކޯސްޓްގާޑުން ވަނީ އެހެން ހެލިކޮޕްޓަރެއް އެއާ ވިންގްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ރާއްޖެ ގެނެސްފައި. އަދި މިހާރު މި ހެލިކޮޕްޓަރު ދަނީ އެމްއެންޑީއެފް އެއާ ވިންގްގެ އޮޕަރޭޝަންތަކުގައި ކުރަނގި ހެލިކޮޕްޓަރެކޭ އެއްފަދައިން ބޭނުން ކުރެވެމުން،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެންމެ ފަހުން ކުރަނގި ހެލިކޮޕްޓަރު މަރާމާތަށް އިންޑިޔާއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރު ކަމަށެވެ.
އިންޑިޔާގެ ކޯސްޓްގާޑް ސަންގްރަމް އެމްއެންޑީއެފް ސަދަން އޭރިއާ އަށް ޒިޔާރަތް ކުރުމުން، ސަދަން އޭރިއާގެ އެކްޓިން ކޮމާންޑަރު ކާނަލް ވައިސް ވަހީދު އެ ޝިޕަށް ޒިޔާރަތް ކުރައްވާފައި ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާއިން ބުންޏެވެ.