އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސާވާއަށް ބޭރުން ބަޔަކު ވަދެފައިވާ މައްސަލައާ ބެހޭ މައުލޫމާތު ހިއްސާކުރަން އެދުނު ކަމަށާއި އެހެން ނަމަވެސް އެމައުލޫމާތު އަދިވެސް ނުލިބޭ ކަމަށް ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބުނެފިއެވެ.

އެންސީ އައިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ހަބަރު ލިބުނީ މީޑިއާއިން ކަމަށާއި އެހަބަރާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް އިލެކްޝަންސްގައި ދަންނަވާފައި ވާނެ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ ސާވާއަށް ބޭރުން ވަދެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި ހަވާލާދީ މީޑިއާގައި ފެތުރިފައިވާ ހަބަރާ ގުޅިގެން މިކަން ހިނގާފައިވާ ގޮތެއް ބެލުމަށް ކަމާ ގުޅުން ހުރި މައުލޫމާތު މިސެންޓަރާ ހިއްސާކުރުމަށް ވާނީ އިލެކްޝަންސް ގައި ދަންނަވާފައެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ސެންޓަރަށް ލިބިފައެއް ނުވެއެވެ،" އެންސީއައިޓީގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ސާވާ ރައްކާތެރިކުރުމުގެ ނިޒާމެއް އެންސީއައިޓީން ގާއިމްކޮށްފައި ވާނެ ކަމަށާއި އެކަން ކޮށް ނިމުނީ މިދިޔަ ހުކުރު ދުވަހު ހެނދުނު ކަމަށެވެ. އެ މަސައްކަތް އެންސީއައިޓީގެ މުވައްޒަފުން ކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި ކޮމިޝަނުގެ އެއްވެސް ސިއްރު މައުލޫމާތެއް އެކަމުގެ ތެރޭގައި ހޯދާފައި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެކަން ކުރީ އީސީގެ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގަ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ރޭ ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ސާވާއަށް ބޭރުން ބަޔަކު ވަންނަން ފަށާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގަން ފެށީ ސުޕްރީމް ކޯޓާ މައުލޫމާތު ހިއްސާ ކުރި ފަހުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި އެވެ.