20 Oct 2013, 17:34
ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް އެކުވެރި ކަމުގެ މެޗުތަކެއް ކުޅެން އަންނަ މަހުގެ ކުރީކޮޅު ސީސެލްސް ދިއުމުގެ ކުރީން ޓީމަށް ކޯޗަކު ހޯދުމުގެ މަސައްކަތް އެފްއޭއެމްއިން ފަށައިފި އެވެ.
ޗެލެންޖު ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމް ރާއްޖެއިން ބޭރުގައި ތިން މެޗް މިހާރު ޔަގީން ވެފައިވައިވާއިރު އޭގެ ތެރެއިން ދެ މެޗު ކުޅޭނީ ސީސެލްސްގައި ކަމަށާއި އަނެއް މެޗު ކުޅެން ހަމަޖެހިފައިވަނީ އިންޑިއާގައެވެ.
އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ޗެލެންޖް ކަޕަށް ތައްޔާރު ވުމަށް ގައުމީ ޓީމަށް ކޯޗަކު ހޯދުމަށް އެފްއޭއެމްއިން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިން ގައުމީ ޓީމަށް ކޯޗުކޮށްދީފައިވާ އެއްވެސް ކޯޗަކާ ގައުމީ ޓީމް މިފަހަރު ހަވާލް ކުރުމުގެ ވިސް ނުމެއް އަދި ނުގެން ގުޅޭ ކަމަށެވެ.
"ސީޝެލް މެޗުގެ ކުރިން ޓީމަށް ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. މިހާރުވެސް ވަރަށް ގިނަ ކޯޗުން. ވަނީ އެފްއޭއެމްއަށް ސީވީ ފޮނުވައިފަ. ސީޝެލްމެޗަށް ދިވެހި ކޯޗަކު ވެސް އައުން އެކަށީގެންވޭ. އެކަމަކު އަދި ޔަގީނެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
ގައުމީ ޓީމަށް ކޯޗަކު މި ހޯދަނީ އެ މަގާމުގައި ހުރި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ މަގާމުން ވަކި ކުރުމުންނެވެ.
މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕުން ރާއްޖެއަށް ފުރުސަތު ލިބިފައިވާ އިރު ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރާނީ، އަފްޣާނިސްތާނާއި، ފަލަސްތީނާއި މިޔަންމާ އާއި ކިރުގިސްތާނާއި ތުރުކުމެނިސްތާނާއި ފިލިޕީންސާއި އަދި ލާއޮސް އެވެ.
އެފްއޭއެމުން ރާވާފައި ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕްގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅުމަށެވެ. އަނެއް ގްރޫޕުގެ މެޗުތައް ބާއްވާނީ އައްޑޫ ހިތަދޫ ޒޯން ސްޓޭޑިއަމުގަ އެވެ.
އަންނަ އަހަރުގެ މޭ މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުލުން މިހާރު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މި މުބާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތަކަށް ވާތީ ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީ އޭއެފްސީގެ ރެކޮމެންޑޭޝަންތަކަށް އެ ދެ ސްޓޭޑިއަމް ފެއްތުމަށެވެ. އެގޮތުން ގަލޮޅު ރަސްމީ ދަނޑުގައި މީޑިޔާއަށާއި މެޗް ކޮމިޝަނަރަށް ހާއްސަ ރޫމުތަކެއް ހެދުމާއި، ހިތަދޫ ޒޯން ސްޓޭޑިއަމްގައި ދެ ޗޭންޖިން ރޫމް ހެދުމަށް ވެސް މިނިސްޓްރީން ނިންމާފައިވެ އެވެ.
ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.