ރ. ރަސްމާދޫ ކައުންސިލް އިދާރާ އާއި އެ އިމާރާތުގައި ހުންނަ އެ ރަށު ކޯޓުގެ ތަޅުތަކަށް "އަލްޓިކޯ" އަޅައި ބަންދުކޮށްފި އެވެ.

ރަސްމާދޫ ކައުންސިލްގެ ރައީސް އަހުމަދު މާހިރު މިއަދު ސަން އަށް ވިދާޅުވީ އެރަށު ކައުންސިލް އިދާރާ ހުޅުވުމަށް މިއަދު ހެނދުނު ދިޔަ އިރު އެ ކައުންސިލްގެ ބޮޑު ދޮރާއި އެރަށު ކޯޓުގެ ދޮރުތަކަށް "އަލްޓިކޯ" އަޅައި ބަންދުކޮށްފައިވާ ކަމަށެވެ.

"މިއިމާރާތިގެ ހުރިހާ ދޮރުތަކަށް ހުރީ އަލްޓިކޯ އަޅާފަ، ދެން ތަޅު ހަލާކުކޮށްގެން ވަދެ ކައުންސިލް ވެސް ހުޅުވުނީ،" މާހިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ކައުންސިލްގެ ބަޖެޓް ސަރުކާރުން ހަމަޖައްސައިދީފައި ނުވާތީ މިހާރު އެކައުންސިލްގައި ވޮޗަރެއް ބަހައްޓާ ނުހުންނަ ކަމަށެވެ. އަދި ތަލުތަކަށް އަލްޓިކޯ އަޅާފައި ވަނީ ރޭގައި ކަމަށް ވާއިރު އެއީ "ސިޔާސީ ކަމެއްކަމަށް ވެދާނެ" ކަމަށް މާހިރު ވިދާޅުވި އެވެ.

ރަސްމާދޫ ކައުންސިލަކީ ޕީޕީއެމްގެ ތިން ކައުންސިލަރުންނާއި އެމްޑީޕީ އެއް ކައުންސިލަރަކާއި އަމިއްލެ ކައުންސިލަރެއްގެ މައްޗަށް އޮންނަ ކައުންސިލްއެކެވެ.