މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް ސުޕްރިމް ކޯޓުން ކުރި ހުކުމްގައި ދީފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ބާއްވާ އިންތިޚާބެއްގައި ބައިވެރިއެއްނުވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ އެއްގޮތަށް އިންތިޚާބު ބާއްވާނަމަ އެމްޑީޕީން އެ އިންތިޚާބުގައި ބައިވެރިނުވާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ އެއްގޮތަށް ބާއްވާ އިންތިޚާބެއްގައި އަޅުގަނޑުމެން ބައިވެރިނުވާނަން،" މޫސަ ވިދާޅުވި އެވެ.

އިންތިޚާބުތައް ބާއްވާނެގޮތް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށާއި އެހެންކަމުން ގާނޫނުގައި ބުނާގޮތް ނޫން އެހެންގޮތަކަށް އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސަ އެގޮތަށް ވިދާޅުވިއިރު، ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ ޚިލާފަށް ބާއްވާ އިންތިޚާބެއްގައި އެ ދެ ޕާޓީން ބައިވެރިނުވާނެ ކަމަށެވެ.