މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހިއްސާ ވިއްކުމުގެ ކަންތައް ޕްރައިވެޓައިޒޭޝަން ބޯޑުން ހުއްދަ ލިބުނުހާ އަވަހަކަށް ފައްޓަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަންއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމްއޭސީއެލްގެ އަސާސީ ގަވައިދު އެކުލަވާލުމަށް އަމިއްލަ ލޯފާމެއް ކަމަށްވާ އެވޮން ގާޑު ލޯ ފާމާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ލޯ ފާމާ ހަވާލުކޮށްފައިވާ މަސައްކަތް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ ހިއްސާ ކުރިން އޮތް ލޯ ފާމާ ފިނޭންސް މިނިސްޓްރީން އެމްއޭސީއެލްގެ އަސާސީ ގަވައިދު އެކުލަވާލަން ހަވާލުކުރީ 20 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 102،000ރ. ކަމަށް ސަން އަށް އެނގިފައިވެ އެވެ.

"ހިއްސާ ވިއްކަން ފެށުމުގެ ކުރިން ތައްޔާރުކުރަން ޖެހޭ ލިޔެކިއުންތައް ތައްޔާރުކުރަން އެ ފަރާތާ ވަނީ ހަވާލުކޮށްފައި. އަދި ހިއްސާ ވިއްކުމަށް ހުއްދަ ހޯދަން އެދި ޕްރައިވެޓައިޒޭޝަން ބޯޑަށް ވެސް ވާނީ ފޮނުވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ޕްރައިވެޓައިޒޭޝަން ބޯޑުން އެކަމާ މެދު މާދަމާ މަޝްވަރާކުރާނެ ކަމަށެވެ. އަދި އެ ފަރާތުގެ ހުއްދަ ލިބުމާ އެކު ހިއްސާ ވިއްކުމަށް އާއްމުކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ހިއްސާ ވިއްކާއިރު އެ ކުންފުނީގެ ހިއްސާގެ އަގު ކަނޑައެޅުމަށް އަދި ބަޔަކާ ހަވާލުނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަންތައް ވެސް ދެން މާލަހެއް ނުވެ ހަމަޖެހޭނެ،" ޖިހާދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ އާއްމުންނަށް ވިއްކުމަށް ހަމަޖެހިފައި ވަނީ އެ ކުންފުނީގެ 40 ޕަސެންޓް ހިއްސާ ކަމަށެވެ. އަދި އޭގެ ތެރެއިން ދިވެހި ރައްޔިތުންނަށް 20 ޕަސެންޓް ހިއްސާ ވިއްކާ އިރު 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް 20 ޕަސެންޓް ހިއްސާ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ޖިހާދު ވިދާޅުވެފައިވެ އެވެ.