ބ. ކިހާދުއްފަރު ރިސޯޓު ހިންގާ އަތަމާ މެރިން ޕްރައިވެޓް ލިމިޓެޑާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކަމުން ދާތީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި ދައުވާއާ އެއްގޮތަށް އެއްފަހަރާ އެ ފައިސާ ދެއްކުމަށް އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ މީރާގެ ދައުވާގައި ހިމެނޭ ފައިސާ، އަތަމާ މެރިން އަށް ކުއްޔަށްދީފައިވާ ކިހާދުއްފަރު ރިސޯޓާ ގުޅިގެން 2008 ވަނަ އަހަރުގެ ހަތަރު ކުއާޓަރުން ފެށިގެން 2012 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ދައްކަން ޖެހޭ ލޭންޑް ރެންޓް ފައިސާ ކަނޑައެޅިފައިވާ ތާރީހުގެ ފަހުން ދައްކާފައިވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު ކުރެވިފައިވާ ލީސް އެގްރިމަންޓްގެ ދަށުންކޮށްފައިވާ ޖޫރިމަނާއެއްކަން މީރާ އިން ހުށަހެޅި ލިޔުންތަކުން އެނގެން އޮތް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މީރާ އިން ހޯދުމަށް ދައުވާކޮށްފައިވާ، ފައިސާ ދެއްކުމަށް އެ ކުންފުންޏާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ލިޔުމުން ވަކިގޮތަކަށް އެއްބަސްވެ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަތަމާ މެރިން އިން ފައިސާ ދައްކަމުންދާކަން ލިޔެކިއުންތަކުން ސާބިތުވާ ކަމަށެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އެ ދެ ފަރާތުން ވެފައިވާ އެއްބަސްވުމާ ހިލާފަށް އެ ފައިސާ އެއްފަހަރާ ހޯދުމަށް އަތަމާ މެރިންގެ މައްޗަށް ދައުވާކުރުމުގެ އިހުތިޔާރު މީރާ އަށް ލިބިގެންނުވާތީ މީރާގެ ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އެއްފަހަރާ ދެއްކުމަށް ޝަރީއަތުގެ ފަރާތުން އަތަމާ މެރިންގެއަށް އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ހުކުމްކުރާ ކަމަށެވެ.