މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިއްޔެ ކުރި އިހުތިޖާޖުތަކުގައި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހުދޫދުން ބޭރުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަމުގެ ސަބަބުން ފަރުދުންގެ އާއްމު ދިރިއުޅުމަށް ހުރަސް އެޅުނު ކަމަށެވެ.

"ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގައި މާލޭ ސިޓީ އާއި ރަށްރަށުގައި 2013 އޮކްޓޯބަރު 19 ވަނަ ދުވަހުގެ މެންދުރު ފަހުން ފެށިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިއަށް ގެންދިޔަ އިހުތިޖާޖުކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގައި އެއްވެ އުޅުމުގެ ގާނޫނާއި ޚިޔާލުފާޅުކުރުމުގެ ހުދޫދުގެ ބޭރުން ފަރުދުންގެ ދިރިއުޅުމަށް ހުރަސް އެޅޭފަދަ ބައެއް ކަންކަން ހިނގާފައިވާކަން މިކޮމިޝަނަށް ފާހަގަކުރެވިފައިވެ އެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.

އެގޮތުން ކޮށްފައިވާ ބައެއް ކަންތައްތައް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި މާލެއާއި ހުޅުމާލެއާއި އައްޑޫސިޓީގައި އެއްތަނުން އަނެއް ތަނަށް ހިނގާބިނގާވެ އުޅުމާއި ދަތުރު ފަތުރަށް ހުރަސް އެޅުން ހިމެނެއެވެ. އަދި ހޮސްޕިޓަލަށް ދިޔަ ބައެއް މީހުންނަށް މަގުމަތިން ހުރަސް އެޅި ކަން ވެސް ފާގަހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.

އެޗްއާރްސީއެމް އަށް ފާހަގަކުރެވުނު ކަމަށް ބުނެފައިވާ އެހެން ކަންތައްތަކަކީ ލާއިންސާނީ އަނިޔާވެރިކަމަށް ގޮވުމާއި ކިޔަވާ ކުދިންގެ ކިޔެވުމަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރުމާއި ހުތުރު ބަހުން މުއާމަލާތްކުރުމާއި ގައު އުކުމެވެ.
ބަޔާނުގައި ބުނެފައި ވަނީ އިހުތިޖާޖުކުރުމުގެ ތެރޭގައި ގާނޫނާ ގަވައިދާ ހިލާފަށް ހިންގާފައިވާ އެއަމަލުތައް ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

"އިހުތިޖާޖުކުރުމުގެ ތެރޭގައި ގާނޫނާ ގަވައިދާ ހިލާފަށް ހިންގާފައިވާ މިއަމަލުތައް މިކޮމިޝަނުން ކުށްވެރި ކުރަމަވެ. އަދި މިފަދަ ކަންކަން ނުކުރުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމުން އަދި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭން ޖެހޭ ބައެއް ހިދުމަތްތައް ނުދެވޭކަން ބަޔާންކޮށްފައި ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިންތިހާބު ލަސްވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ވެސް ކެތްތެރިކަމާ އެކު ގައުމީ މަސްލަހަތު އިސްކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ރިޔާސީ އިންތިހާބު ނުބޭއްވި ލަސްވަމުންދާ ދިއުމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ ތެރޭގައި ވެސް ކެތްތެރިކަމާ އެކު ގައުމީ މަސްލަހަތު އިސްކުރުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ." ބަޔާނުގައިވެ އެވެ.