29 Nov 2010, 18:12
އަލިފާނުގެ ހާދިސާއެއްގައި ހަތް މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބުނުތާ ދެއަހަރު ނުވެ، މިރޭ އިރާކޮޅު ތިލަފުށީ ސައިޓެއްގައި ހުރި ކޮންޓޭނަރުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ތިން މިލިއަނާއި ހަތަރު މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެ ސައިޓް ކުއްޔަށް ހިފައިގެން އުޅޭ ކުންފުނި ކަމުގައިވާ ސެކިއުއާ ބޭގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބުނެފި އެވެ.
ތިލަފުށީގައި އެހާދިސާ ހިނގި އިރު އެސައިޓްގައި ހުންނެވި ސެކިއުއާ ބޭގް މޯލްޑިވްސްގެ އެއް ހިއްސާދާރު ކަމުގައިވާ މުހައްމަދު އާތިފް ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ އެ ހާދިސާ ހިނގީ އެ ސައިޓްގެ ތެރޭގައި ތިން ބުރި އަށް ހަދާފައި ހުރި އިމާރާތެއްގެ ފުރާޅު ރީތި ކޮށްލުމަށްޓަކައި ޓިނުގަނޑެއް ހަރުކުރުމަށް ޓެކެއް ޖަހަން ވެލްޑިން ކުރަމުން ދަނިކޮށް ބުރައިގެން ދިޔަ އަލިފާން ކަންޏަކުން ކަމަށެވެ. އޭނާ ވިދާޅުވީ އަލިފާން ރޯވީ ސައިޓްގައި ހުރި ތިނަރު ފާޓާއެއްގެ ތެރެއަށް ބުރައިގެން ދިޔަ އެ އަލިފާން ކަނި ވެއްޓި، ހުޅުފަޅައިގެން ގޮސް މުޅި ސަރަހައްދަށް އަލިފާންގަނޑު ފެތުރުމާއެކު ކޮންޓޭނަރުތަކެއްގައި ރޯވެގެން ކަމަށެވެ.
" އަލިފާން ރޯވީ ވެލްޑިންގ ކުރަމުން ދަނިކޮށް ބުރައިގެން ދިޔަ އަލިފާން ކަންޏެއް ތިނަރު ފާޓާއެއްގެ ތެރެއަށް ވެއްޓިގެން. އޭގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް ދަވާދު ފާޓާއެއްގައި ރޯވެ އިތުރު ކޮންޓޭނަރުތަކެއްގައި އަލިފާން ހިފީ. އޯޕަން އޭރިއާއެއްގައި ތިނަރު ފާޓާ ހުރީ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިގެން ގޮސް ކޮންޓޭނަރުތަކުގައި ހިފީ،" އާތިފް ވިދާޅުވި އެވެ.
ތިލަފުށީގައި ހުންނަ 5000 އަކަފޫޓުގެ އެސައިޓްގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެސައިޓްގައި 14 ކޮންޓޭނަރު ހުރި ކަމަށާއި ހުރިހާ ކޮންޓޭނަރެއްގައި ރޯވެ ގިނަ އަދަދެއްގެ މުދަލަށް ގެއްލުން ވެފައިވާ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މާލޭގައި ހުންނަ ކުނިކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު އެތަނގައި ގުދަނެއް ކުއްޔަށް ހިފައިގެން އުޅުއްވި އާތިފް ވިދާޅުވީ އަލިފާނުގެ އެ ހާދިސާގައި ހަތް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށާއި އަދި އެ ގެއްލުން ފޫނުބެއްދި އުޅެނިކޮށް މިރޭ ތިލަފުށީގައި ހިންގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ތިން މިލިޔަނާއި ހަތަރު މިލިއަނަށް އަރާނެ ކަމަށެވެ.
" ކުރިން ލިބިފައިވާ ތަޖުރިބާއަށް ބަލާފައި ސައިޓްގައި ކޮންޓޭނަރުތައް ޖަހާފައި ހުންނާނީ ދެ ކޮންޓޭނަރުގެ ދޭތެރޭގައި ޕިކަޕެއްވެސް ބޭއްވޭހާ ޖާގަ ބާއްވައިގެން. މައިގަނޑު ގޮތެއްގައި ކޮންޓޭނަރުތަކުގައި ހުންނާނީ ދަވާދާއި ބާ ދަނގަޑާއި ލަކުޑިއާއި ކޮންސްޓްރަކްޝަން މަސައްކަތަކަށް ބޭނުންވާ ބައެއް ސާމާނު. ހުރިހާ ކޮންޓޭނަރުތަކެއްގައި ވެސް ވަނީ އަލިފާން ރޯވެފައި. ގިނަ އެއްޗެހި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި." އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގުމާއެކު އަލިފާން ނިއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮންޓޭނަރުތަކުގައި ރޯވެ އަލިފާންގަނޑު އިތުރަށް ފެތުރެން ފެށުމާއެކު ތިލަފުށީގައި ހުންނަ އެމްއެންޑީއެފްގެ ފަޔާ ޓީމުގެ އެހީއަށް އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މޭޖަ އަބުދުއްރަހީމް މިރޭ ވިދާޅުވީ ތިލަފުށީގެ ސައިޓެއްގައި ހުރި ކޮންޓޭނަރުތަކެއްގައި ރޯވެގެން އެފަރާތަށް މައުލޫމާތު ލިބުމާއެކު ސިނާއީ އެ ރަށުގައި އޮންނަ އެމްއެންޑީއެފްގެ ފަޔާ ޓީމުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި ނަމަވެސް އެފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ އެކޮޅުގައި ޤާއިމްކުރެވިފައިވާ ނިޒާމް ދެރަ ކަމަށެވެ. އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވުނީ މާލޭން އެމްއެންޑީއެފްގެ ޓީމެއް އެ ރަށަށް ފޮނުވައިގެން މިރޭ ގާތްގަނޑަކަށް 9:30 ހާއިރު ކަމަށްވެސް މޭޖާ ވިދާޅުވި އެވެ.
" އަލިފާން ރޯވުމާއެކު ތިލަފުށީގައި އޮންނަ އެމްއެންޑީއެފްގެ ފަޔަރ ޓީމުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައި. ނަމަވެސް އަލިފާންގަނޑު ނިއްވުމަށް ފަޔަރ ޓީމުން މަސައްކަތް ކުރަމުން ދަނިކޮށް އަލިފާން ނިވާ ހޮޅިތައް ފަޅައިގެން ދިއުންފަދަ ހާދިސާތައް ވަނީ ހިނގާފައި. ހޮޅިތައް ފަޅައިގެންދިޔައީ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ތޫނު އެއްޗެހި ހުރުމުން." މޭޖާ ވިދާޅުވި އެވެ.