20 Oct 2013, 14:08
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު އިސްތިއުފާ ދެއްވައިފި އެވެ.
ހަސަން ސައީދަކީ ޑީއާރުޕީ ސްލޮޓެއްގައި ސަރުކާރުގައި ހުންނެވި ބޭފުޅެކެވެ.
ސަރުކާރު ހިންގާ ކޯލިޝަނުން ޑީއާރުޕީ ވަކިވުމަށް ޑީއާރުޕީ ކައުންސިލުން ވަނީ ރޭ ނިންމައިފަ އެވެ.
ހަސަން ސައީދު މިއަދު ސަން އަށް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ޑީއާރުޕީ ކައުންސިލުން އެ ގޮތަށް ނިންމުންނާއި އަދި "މި ވަގުތު ކަންކަން ހުރި ގޮތުން" ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ހުރަސްއަޅާ ކަމަށާއި އެއީ ވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ބޭރުގެ އޮބްޒާވަރުން އައުމަށް ފޯމް ފުރައި ވީސާ ހޯދަން ޖެހުމަކީ ވެސް އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެކަން ވެސް އިސްތިއުފާ ދެއްވި ސަބަބުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ސަން އަށް ވިދާޅުވީ ސަރުކާރުން މިނިވަން އިންތިހާބަކަށް ހުރަސްނާޅާ ކަމަށާއި ހަސަން ސައީދު އެ ދައްކަވަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
މަސްއޫދު ވިދާޅުވީ ސަރުކާރުގެ ސްޓޭންޑަކީ މިހާރު ރޭހުގައި ތިއްބެވި ތިން ކެންޑިޑޭޓުން ވެސް ގަބޫލުކުރާ، އަދި އެ ތިން ބޭފުޅުންގެ ވެސް ހައްގުތައް ރައްކާތެރި ކުރެވޭ ގޮތަށް، އަދި ސުޕްރީމް ކޯޓުގެ ގައިޑުލައިނާ އެއްގޮތަށް ވީ އެންމެ އަވަހަކަށް އިންތިހާބެއް ބޭއްވުން ކަމަށެވެ. ސަރުކާރުން މިނިވަން އިންތިހާބަކަށް އެއްއިރަކު ވެސް ހުރަސް ނާޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްއޫދު ވިދާޅުވީ މިހާރު ރޭހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނެތް ކަމަށާއި ރައީސް އިންތިހާބަށް ހުރަސްއަޅަން ޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ ރޭހުގައި ތިއްބެވި ތިން ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓެއްގެ މަސްލަހަތު ހަމައެކަނި ހާސިލުވާ ގޮތަށް ބާއްވާ އިންތިހާބަކީ އިންސާފުވެރި އަދި މިނިވަން އިންތިހާބަކަށް ނުވާނެ ކަމަށާއި އަދި އެކަމަށް ދާއިމީ ހައްލެއް އަންނެ ކަމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ މި ފަހަރު ހިނގާށޭ ހުރިހާ ބޭފުޅުން ވެސް އެއްބަސްވެ، ދެފުށް ފެންނަ އިންތިހާބަކަށް މަގުފަހިވާ ގޮތަށް ކަންކަންކޮށް ނިންމަން." މަސްއޫދު ވިދާޅުވި އެވެ.