އިނގރޭސި ލީގުގައި ރޭ ނޯވިޗް ސިޓީއަތުން 4-1 އިން މޮޅުވެ އާސެނަލް ލީގުގެ އެއްވަނަ މަގާމްގައި ހަމަޖެހިލިއިރު ކާޑިފް ސިޓީއަތުން ފަސޭހަކަމާއެކު 4-1 އިން މޮޅުވެ ޗެލްސީ ތާވަލްގެ ދެވަނައަށް ޖެހިލައިފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެޓީމުގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. އާސެނަލްއިން ކާމިޔާބުކުރި އަނެއް ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެކް ވިލްޝެއާ އާއި އާރޮން ރަމްސީ އެވެ. ރޭގެ މެޗުގައި ނޯވިޗް ޓީމަށް ލަނޑު ޖަހައިދިނީ ޖޮނަތަން ހޯސަން އެވެ.

މި ނަތީޖާއާ އެކު އާސެނަލް ތާވަލްގެ އެއްވަނައިގައި އޮތީ ލީގުގައި އެޓީމު ކުޅުނު 8 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލްގެ ދެވަނައިގައި 17 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދިނަމަވެސް ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ލިވަޕޫލް އެވެ.

ޗެލްސީގެ ސްޓެމްފޮޑް ބްރިޖްގައި ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީ ކާޑިފް އިންނެވެ. އެޓީމަށް ލަނޑު ޖަހައިދިނީ މެޗުގެ 10 ވަނަ މިނިޓުގައި ޖޯޑަން މުޗް އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 33 ވަނަ މިނިޓުގައި އެޑެން ހަޒާޑް އެވެ. ރޭގެ މެޗުގައި ހަޒާޑު ވަނީ ދެލަނޑު ކާމިޔާބުކޮށްފަ އެވެ. އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަހު ހާފުގައި ސެމުއެލް އެޓޫއާއި އޮސްކާ އެވެ.

އެސްޓީ ޖޭމްސް ޕާކްގައި ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގެ 23 ވަނަ މިނިޓުގައި ނިއުކާސަލްގެ ޔޯހާން ކަބާޔޭ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރިހޯދައި ދީފައި ވަނިކޮށް ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ 42 ވަނަ މިނިޓުގައި ނިއުކާސަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ މަޕޫ ޔާނާ ލިވަޕޫލްގެ ލުއިސް ސުއަރޭޒަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސްޓީވަން ޖެރާޑް އެވެ. އެ ލަނޑަކީ ޕްރިމިއާ ލީގުގައި ޖެރާޑް ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. ސުއަރޭޒަށް ކުރި ފައުލާ ގުޅިގެން މަޕޫ ޔާނާއަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ފަހު ހާފުގައި 10 މީހުންނާއެކު ކުޅެމުން ގެންދިޔަ ނިއުކާސަލްއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ 56 ވަނަ މިނިޓުގައި ޕޯލް ޑަމެޓް އެވެ. ލިވަޕޫލަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޑެނީލް ސްޓްރިޖް އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހަލް ސިޓީ އަތުން އެވަޓަން މޮޅުވީ 2-1 އިންނެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއި ސައުތުހެމްޓަން މެޗު 1-1 އިން އެއްވަރުވެ، ސްޓޯކް ސިޓީއާއި ވެސްޓްބްރޮމް މެޗު ލަނޑެއް ނުޖެހި އެއްވަރުވި އިރު ސުވާންސީ ސިޓީ ވަނީ 4-0 އިން ސަންޑަލޭންޑް ބަލިކޮށްފަ އެވެ. އަދި މެންޗެސްޓާ ސިޓީ ވަނީ 3-1 އިން ވެސްޓްހެމް ބަލިކޮށްފަ އެވެ.