ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އިއްޔެ ބޭއްވުމަށް ހުރަސްއެޅުމުގެ ގޮތުން ފުލުހުން އެއްވެސް ކަމެއް ކުރި ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކުރި މަސައްކަތްތަކަށް ފުލުހުން ހުރަސް އެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މިއަދު އެ ކޮމެޓީ އަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެ މައްސަލަ 241 ކޮމެޓީ އަށް ހުށަހަޅުއްވާފައި ވަނީ އެ ކޮމެޓީގެ މެންބަރު ރީކޯ މޫސާ މަނިކާއި އަލީ ވަހީދު އާއި ރޮޒައިނާ އާދަމްގެ އަދި އިމްތިޔާޒު ފަހުމީ އެވެ.

ރިޔާޒު ވިދާޅުވީ ފުލުހަކު ކަމެއް ހުއްޓުވައިގެން އިލެކްޝަންސް ކޮމިޝަނުން މަސައްކަތެއް ނުކުރެވިގެން އުޅޭކަން މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެ ކޮމިޝަނުން އަންގާފައިނުވާ ކަމަށެވެ.

ފުލުހުންގެ މަސައްކަތާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަންބޮޑުވާ ކަމެއް އުޅޭ ނަމަ ސީދާ އޭނާ އަށް ގުޅުއްވުމަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ފުވާދު އަންގަވާފައިނުވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"އެއްވެސްކަމެއް ފުލުހަކު ކަމެއް ހުއްޓުވައިގެން ނުކުރެވިގެން ހުރަސްއަޅައިގެން އަޅުގަނޑަކަށް ގުޅުއްވާފަކާ ނެތް. ފުލުހުންގެ ފަރާތުން އެއްވެސް ކަމެއް އުޅެންޏާ. އެބޭފުޅާ ކަންބޮޑުވާ ކަމެއް އުޅެންޏާ ސީދާ އަޅުގަނޑަށް ގުޅަން އޮންނާނީ ދަންނަވާފައި. އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް އަޅުގަނޑަކަށް ނޭނގެ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަށް ހުރަސްއެޅިކަމަށް މީޑިއާގައި ފުވާދު ވިދާޅުވި އަޑުއިވިވަޑައިގަތުމުން އެ މައްސަލަ ބެލުމަށް އިންޓާނަލް އިންކުއަރީއެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ހުއްޓުވީ ކޮން ކަމެއްތޯ އާއި އަދި ފުލުހުން ހުރަސްއެޅީ ކޮން ކަމަކަށްތޯ ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގެ ކޮންކަމެއް ހުއްޓުވައިގެން ކަމެއް ކޮން ކަމަކަށް ހުރަސްއަޅައިގެން ކަމެއް މި އުޅެނީ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ޗެއާ އެވާހަކަ މީޑިއާގައި ހާމަކުރެއްވުމާ ގުޅިގެން އަޅުގަނޑުމެން މިހާރު އިންޓާނަލް އިންކްއަރީއެއް ފަށައިފިން. ޕޮލިސްގެ ޕްރޮފެޝަލަނަލް ސްޓޭޑާޑްސް އިން ކޮންކަމެއް ހުއްޓުވައިގެންތޯ ކޮންކަމަކަށް ހުރަސްއަޅައިގެންތޯ އެކަން ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ދަންނަވާފަ،" ރިޔާޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަކީ އެންމެ ފަހުބަސް ބުނާ ތަން ކަމަށާއި އެހެންކަމުން އެ ކޯޓުން ނެރޭ އަމުރުތަކަށް ފުލުހުން ކިޔަމަންވާންޖެހޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރިތާ 72 ގަޑިއިރު ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކުރަން ޖެހޭނެ ކަމަށް ގައިޑުލައިންގައި ބުނެފައިވާތީ އެ ބައްދަލުވުން ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ 16 ގައިޑުލައިންތަކާ އެއްގޮތަށް ކުރާ ކޮންމެ ކަމެއްގައި ފުލުހުންގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނަށް އަރުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ އެއްގޮތަށް ކަންކަން ގެންދާކަން ކަށަވަރު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ސުޕްރީމް ކޯޓުގެ އަމުރުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާއެއްގެ ހައިސިއްޔަތުން އެ ގައިޑުލައިންގައިވާ ކަންކަން ކުރިއަށްދޭތޯ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ފުލުހުން ބަލަނީ ގައިޑުލައިންގައި ހުރި އެންމެ ނުކުތާއަކަށް ނޫންކަމަށާއި އޭގައި ހުރި 16 ނުކުތާއާ އެއްގޮތަށް ކަންކަން ނުހިނގާނަމަ ފުލުހުންގެ އެއްބާރުލުންދޭން ދަތިވާހަކަ ސިޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ދަންނަވާފައިވާނެ ކަމަށެވެ. އެ ސިޓީއާ ގުޅިގެން ފުވާދު ގުޅުއްވައި މައުލޫމާތު އޮޅުންފިލުވުމުން އެކަމުގެ ތަފްސީލުތައް ދެއްވާފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"މި ސިޓީ ފޮނުވާލީމަ އިލެކްޝަންސް ކޮމިޝަންގެ ޗެއާ އަޅުގަނޑަށް ފޯނުކޮށްލައްވާފަ ތަފްސީލުކޮށްދޭށޭ ވިދާޅުވީމަ މީގަ އޮންނަނީ ކީއްކޭކަން އޮންނާނީ ކަނޑައަޅާފަ [ތަފްސީލްކޮށް ކިޔައިދީފަ]. އޭގަ އޮންނާނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކުރިއަށްދާ އިންތިޚާބަކަށް އެއްބާރުލުން ދިނުމަކީ އިސްވެ ދެންނެވި ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ކުރެވޭ ކަމަކަށް ވާތީ އެވާހަކަ ދެންނެވީމެވެ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިންތިޚާބު ބާއްވަން އުޅުނީ އެކަށީގެންވާ ގޮތަށް ތައްޔާރުވެގެން ނޫން ކަމަށާއި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު ޗެކްކުރުމަށް އެކަށީގެންވާ ވަގުތު ކެންޑިޑޭޓުންނަށް ދެވުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިޚާބު އިއްޔެ ނުބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުން ފުލުހުން ކުރި އަމުރަކާ ގުޅިގެން ގަނޫނާ ޚިލާފަށް ކަންތައްތަކެއް ކުރި ކަމަށް ބުނެ މަޖިލީހުން ބަޔާނެއް ނެރެފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް މައްސަލަ ހުށަހެޅިފައި ވަނިކޮށް އެ މައްސަލަ ނުބައްލަވައި ފުލުހުންގެ އެއްވެސް ބަހެއް ނުހޯދައި ފުލުހުން ގާނޫނާ ޚިލާފުވިކަމަށް ކަނޑައެޅުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

"މަޖިލީހުގެ ސްޓޭޓްމަންޓުން އަޅުގަނޑަށް ދޭހަވެއްޖެ މަޖިލީހުން ވަކިގޮތަކަށް ނިންމާވަފަ އޮތްކަން. އޭގަ ވަރަށް ސްޕެސިފިކް ކޮށް ފުލުހުންގެ ވަކި ބަޔަކުގެ ވަކި އަމުރަކަށް ގާނޫނާ ޚިލާފު އަމުރުތައް ކޮށްގެން ކަންތައްތަކެއް ހިންގި ކަމަށް ނިންމާފަ އޮތީމަ އެކަމާ އަޅުގަނޑު ވަރަށް ހިތާމަ ކުރަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި 241 ކޮމެޓީން އެކަން ހިނގައިދިޔަ ގޮތް އަދި ބައްލަވަން ތިފައްޓަވަނީ. އެހެންވީމަ ބައްލަވަން ފެއްޓެވުމުގެ ކުރިން މާ ކުރިން މިކަމުގަ މަޖިލީހުން ގޮތްތަކެއް ނިންމަވާފަ އޮތްކަމަށް ދޭހަވާގޮތަށް ތިބަޔާނުން ދޭހަވޭ. އެހެންވީމަ އެއީ ވަރަށް ހިތާމަ ކުރާ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.