އިނގިރޭސި ޕްރިމިއާލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓް ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް ފަހުވަގުތު ލަނޑެއް ކާމިޔާބުކޮށް 1-1 އިން އެއްވަރުކޮށް ސައުތުހެމްޓަން އިން ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
މި ނަތީޖާއާ އެކު ފާގަސަންއަށް ފަހު ލީގު ޗެމްޕިއަންގެ ކޯޗް ކަމާ ހަވާލުވި ޑޭވިޑް މޮއެސްގެ ކޯޗު ކަމުގައި މިފަހަރުގެ ލީގުގައި އެޓީމު މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. ތިން މެޗު އެއްވަރު ވެފައިވާއިރު އަނެއް ދެމެޗުން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑް މިހާރު އޮތީ ލީގުގެ އެއްވަނައިގައި 19 ޕޮއިންޓާއެކު އޮތް އާސެނަލްއަށް ވުރެ އަށް ޕޮއިންޓު ފަހަތުން ތާވަލުގެ އަށް ވަނައިގަ އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި އެޓީމަށް ކުރިހޯދައިދިނީ 26 ވަނަ މިނިޓުގައި ރޮބިން ވެންޕާސީ އެވެ. އަދި އެ ލަނޑުގެ އިތުރުން ވެންޕާސީއާއި ވޭން ރޫނީ ވަނީ ސައުތުހެމްޓަންގެ ގޯލަށް ނުރަށްކާތެރި ދެ ހަމަލާއެއް ފޮނުވާލާފަ އެވެ.

ސައުތުހެމްޓަންއަށް ރޭގެ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ކެޕްޓަން އެޑަމް ލައްލާނާ އެވެ.

ރޭގެ މެޗުގައި ސައުތުހެމްޓަންއިން ވެސް ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށް އެ ޓީމަށް ޕްރެޝަރުކޮށްފަ އެވެ. އެގޮތުން އެޓީމުން ރޭގެ މެޗުގައި ރަނގަޅަށް ކުޅެ ޔުނައިޓެޑްގެ ގޯލަށް ޖުމުލަ 18 ހަމަލާ އުފެއްދި އިރު އޭގެ ތެރެއިން ހަތް ހަމަލާ ގޯލަށް އަމާޒުކޮށްފައިވެ އެވެ. ޔުނައިޓެޑަށް ރޭގެ މެޗުގައި ސައުތުހެމްޓަން ކޮޅަށް ފޮނުވާލެވުނީ 12 ހަމަލާއެވެ. އޭގެ ތެރެއިން ގޯލަށް އަމާޒު ކުރެވިފައިވަނީ ފަސް ހަމަލާއެވެ.

މެޗަށްފަހު ސައުތުހެމްޓަންގެ ކޯޗު މައުރީޝިއޯ ޕޮކެޓީނޯ އޭނާގެ ޓީމަށް ތައުރީފުކޮށްފައިވާއިރު ޔުނައިޓެޑްގެ ކޯޗު މޮއެސް ބުނީ، ރޭގެ މެޗުން އޭނާގެ ޓީމަށް މޮޅު ނުވެވުނީ ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިމުން ކަމަށެވެ.