20 Oct 2013, 11:01
ހއ. ކެލާ ގެއެއްގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޭ މެންދަމުގެ ވަގުތެއްގައި ބަޔަކު ރޯކޮށްލައިފި އެވެ.
ރޯކޮށްލާފައިވަނީ ސަބުދެލިގޭ ފެންޑާގައި ބަހައްޓާފައި ހުރި އެރަށު ކައުންސިލް މެންބަރު އާދަމް އައްސަދުގެ ސައިކަލުގަ އެވެ. "ސަން"އާ ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ އޭނާގެ ސައިކަލްގައި ބަޔަކު ރޯކޮށްލާފައި ވަނީ އެގޭ ފެންޑާތެރޭގައި ބަހައްޓާފައި ހުއްޓާ ކަމަށާއި އެ ހާދިސާގައި ސައިކަލް ވަނީ އެއްކޮށް އަނދައި ހުލިވެފައި ކަމަށެވެ.
"އެއީ އަޅުގަނޑު ވަރަށް ފަހުން ގަތް ވޭވް 125އެސް ސައިކަލެއް. ސައިކަލް ހުންނާނީ މިގޭ ފެންޑާ ތެރޭގައި. ދަންވަރު ރަބަރު އަނދާ ވަސް ދުވާތީ އަޅުގަނޑުގެ މަންމައަށް ހޭލެވިގެން ބޭރު ބަލާލިއިރު ސައިކަލްގައި ވަނީ ޕެޓްރޯލް އަޅައިގެން ރޯކޮށްލާފައި. އަދި ސައިކަލްގައި ރޯވި އަލިފާން ވަނީ ގޭގެ އަސްކަނީގައި ހިފައި އަސްކަނިން ވެސް ބޮޑުބައެއް އަނދާފައި. އަދި އެ ދިމާގައި ގެއާ އިންވެގެން ހުރި ފާހާނާ ތެރެއަށް ވެސް އަލިފާނުގެ އަސަރުކޮށް ފާހާނާގެ ބައެއް ވެސް ވަނީ އަނދާފައި،" އައްސަދު ވިދާޅުވި އެވެ.
ޕީޕީއެމްގެ މެމްބަރު އައްސަދު ވިދާޅުވީ ސައިކަލްގައި ރޯކޮށްލާފައި ވަނީ އޭނާއަށް އެތައް ފަހަރެއްގެ މަތިން އިންޒާރުތަކެއް ދިނުމަށް ފަހު ރޭ ދަންވަރު 2:30އާއި 5:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށާއި އަދި ވަގުތުން ފުލުހުންނަށް އެ މައްސަލަ ހުށަހެޅުއްވި ކަމަށެވެ.
"އަޅުގަނޑަށް ބަޔަކު މީހުން މަރުގެ އިންޒާރު ދެމުން ގެންދާތާ ވެސް މިހާރު ތިން ހަފްތާ ވެއްޖެ. އަދި މީގެ ދެ ރެއެއް ކުރިން ރައްޓެއްސަކާ އެކު ބަނދަރު ސަރަހައްދުގައި ހުއްޓައި، ބަޔަކު އައިސް އަޅުގަނޑުގެ ސައިކަލްގައި ރޯކޮށްލާނެ ކަމަށާއި އަދި ތަނަކުން އެކަނި ފެނިއްޖެ ނަމަ އަޅުގަނޑަށް އަނިޔާ ކުރާނެ ކަމަށް ބުނެ ބިރު ދައްކާފައި ވަނީ. އަޅުގަނޑު ވާނީ އެ މައުލޫމާތި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީފައި،" އައްސަދު ވިދާޅުވި އެވެ.
ކެލާގެ ގެއެއްގެ ފެންޑާތެރޭގައި ހުރި ސައިކަލެއްގައި ރޭ މެންދަމު ވަގުތެއްގައި ރޯކޮށްލާފައިވާ ކަމަށާއި އަދި އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ވަނީ ސަންއަށް ކަށަވަރުކޮށްދީފަ އެވެ.
"ކެލާ ގެއެއްގެ ފެންޑާގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލި ހާދިސާއެއް ފުލުހުން މިހާރު ތަހުގީގު ކުރަމުން އެބަގެންދަން. ސައިކަލް ވަނީ އެއްކޮށް އަނދައި ހުލިވެފައި. އަދި އެގޭގެ ފެންޑާގެ ބައެއްގައި ވެސް އަލިފާން ހިފާފައި ވަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އައްސަދަކީ ޕީޕީއެމްގެ މެންބަރެކެވެ. އޭނާއަކީ އެ ރަށު ހުންނަ ޕީޕީއެމް އަށް ނިސްބަތްވާ ހަމަ އެކަނި ކައުންސިލް މެންބަރެވެ.