29 Nov 2010, 17:23
އަލިފާނުގެ ހާދިސާއެއް ހިނގައިގެން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސިފައިންގެ ފަޔާ ލޮރީ ތާޖުއްދީން ސްކޫލް ކުރިމަތީ އޮތް ގޯޅިއެއް އަޅަން އުޅެނިކޮށް، ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ ސައިކަލެއް ފަޔާ ލޮރީ "އޯވަޓޭކް" ކުރަން އުޅުމުން, ލޯރި ސައިކަލުން ނައްޓަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު އިރު އޮއްސުނު ވަގުތު މާފަންނު ކަނބާ އައިސާރަނި ހިނގުމުގައި ހިނގި މި އެކްސިޑެންޓުގައި ސިފައިންގެ ފަޔާ ލޮރީއާއި ދެ ކާރުގެ އިތުރުން ޕިކަޕަކަށާއި ތިން ސައިކަލަށް އެކި ވަރުގެ ގެއްލުން ލިބުނުއިރު، އެ ސަރަހައްދުގައި ހުރި އަންހެނަކަށް ވެސް ވަނީ އަނިޔާ ވެފަ އެވެ.
މި އެކްސިޑެންޓްގައި އަންހެންމީހާގެ ބޯ ފަޅައިގެން ދިއުމުން މިރޭ ވަނީ އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދައިފަ އެވެ. އެކްސިޑެންޓުގައި ޒަޚަމްވި އަންހެން މީހާ އަކީ އެވަގުތު ދުވާރު މަތިން ހިނގާފައި ދިޔަ އަންހެނެކެވެ.
އެކްސިޑެންޓްވި ސަރަހައްދުގައި ހުންނަވައިގެން ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ ޗީފް އިންސްޕެކްޓަރ އަހްމަދު މުހައްމަދު ވިދާޅުވީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ތާޖުއްދީން ކުރިމަތީ އޮތް ބްލޫކިޔާ ގޯޅިން ފަޔާ ލޮރީ ސައިރަން އަޅާފައި އައިސް، ކަނބާ އައިސާ ރަނި ހިނގުމަށް ނުކުތް ވަގުތު، އެ މަގުން ދިޔަ ސައިކަލެއް ލޮރީ އޯވަޓޭކް ކުރަން އުޅުމުން، ލޮރީ އެ ސައިކަލުން ނައްޓަން މަސައްކަތްކުރަނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލުން ނައްޓަން ވެގެން ލޮރީ އަނބުރާލި ވަގުތު ކޮންޓްރޯލް ނުވެ ގޮސް، މަގުގެ ވައަތް ފަރާތުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަކާއި ދެ ކާރެއްގައި ޖެހި އެ ވެހިކަލްތަކަށް ގެއްލުންވީ އެވެ.
ފުލުހުން ބުނީ އޯވަޓޭކް ކުރަން އުޅުނު ސައިކަލްގައި އިން މީހާ އެކްސިޑެންޓަށް ފަހު ފިލާފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގި އިރު އާއްމުންގެ ގިނަ ވެހިކަލްތައް ޕާކްކޮށްފައި ހުރީ ޕާކް ކުރުން މަނާ ޒޯނެއްގަ އެވެ. ފަޔާ ލޮރީ އޮތީ މަގުގެ ވައަތް ފަޅީގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހިފަ އެވެ. ވެއްޓުނު އެއް ސައިކަލް އޮތީ ލޮރީ އާއި ފާރާ ދެމެދުގައި ތާށިވެފަ އެވެ. އަނެއް ސައިކަލް އޮތީ މަގުގެ މެދެއްހާ ހިސާބުގައި އޮތް ޕިކަޕަކާއި ކާރަކާ ދެމެދުގަ އެވެ. ފަޔާ ލޮރީ އޮތީ އެ ކާރުގެ ފަހަތު އެވެ. ލޯރީގެ ކުރިމަތިން ވެސް އޭގެ ދަށުވެފައި ސައިކަލެއް އޮތެވެ. އެ ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އޮތީ ހަލާކުވެފަ އެވެ. ފަޔާ ލޮރީގެ ފަހަތުގައި ވެސް ކާރެއް އޮތެވެ. އެ ކާރަށް ވެސް ހިސާބެއްގެ ގެއްލުންތައް ލިބުނެވެ. ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
މިއީ ފަހަކަށް އައިސް އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ވެހިކަލްތަކަކަށް ގެއްލުންވި، އެހެންނަމަވެސް، މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބިދިޔަ ފުރަތަމަ އެކްސިޑެންޓެވެ.