20 Oct 2013, 10:13
އިސްލާމްއާބާދު (އޮކްޓޯބަރު 20): ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް، މިއަދު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައިމުހިއްމު ތިން ކަމާބެހޭ ގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއެކު ސްޓްރެޓީޖިކް މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ބުނެފި އެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން މިދަތުރުފުޅުގައި ނަވާޒް ޝަރީފުއޮބާމާއާ އެކު މަޝްވަރާކުރެއްވާނެ މުހިއްމު ތިންކަމަކީ ޕާކިސްތާނުގެ ވަޒީރުސްތާނަށް އެމެރިކާގެ ޑްރޯން މަތިންދާބޯޓުތަކުން ދެމުންގެންދާ ވައިގެ ޙަމަލާތައް ހުއްޓުމަކަށް ގެނައުމާއި އަފްޣާނިސްތާނަށް ސުލްޙަ ގެނައުމާއި ޕާކިސްތާނުގެ އިޤްތިސާދު ރަނގަނޅު ކުރުމަށް ބޭނުންވާ އިގްތިސާދީ އެހީއާއި އިންވެސްޓްމަންޓްތައް އެމެރިކާ އިން ހޯދުން ކަމުގަ އެވެ. ވައިޓް ހައުސްއިން ވަނީ ރައީސް ބަރަކް އޮބާމާގެ ދައުވަތަކަށް ނަވާޒް ޝަރީފު އެމެރިކާ އަށް މިއަދު ވަޑައިގަންނަވާނެކަން ކުރިން ހާމަކޮށްފަ އެވެ. މިއީ މިއަހަރުގެ ކުރީކޮޅު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ނަވާޒް ޝަރީފު އިންތިޚާބު ވެވަޑައިގަތުމަށް ފަހު އޭނާ އެމެރިކާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަމާހަވާލުވެވަޑައިގަތުމަށް ފަހު ނަވާޒް ޝަރީފު ވަނީ އެމެރިކާގެ ޑްރޯން މަތިންދާބޯޓުތަކުން ޕާކިސްތާނުގެ ވަޒީރުސްތާނަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ. ނަވާޒް ޝަރީފުގެ ގޮވާލެއްވުމަށް ފަހު އެމެރިކާގެ ޑްރޯން ޙަމަލާތަކުގެ އަދަދު ވަރަށް ބޮޑުތަން މަދުކޮށްފައިވާ ކަން މުރާސިލުން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ތާލިބާނުން ކޮންޓްރޯލްކުރާ ވަޒީރުސްތާން ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ޕާކިސްތާން ސިފައިންނަށް ލިބުމުންނޫނީ ޑްރޯން ޙަމަލާތައް އެމެރިކާ މުޅިން ނުހުއްޓާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. ނަވާޒް ޝަރީފު ވަނީ ޕާކިސްތާން ތާލިބާނުންނާ ވާހަކަ ދައްކައިގެން ޕާކިސްތާނަށް ސުލްހަ ގެނައުމަށް މަސައްކަތްކުރައްވާނެކަންވެސް ހާމަކުރައްވާފައެވެ.
ނަވާޒް ޝަރީފު އެމެރިކާއަށް ކުރައްވާ މިފަތުރުފުޅުގައި ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އިސްވެރިންނާ ބައްދަލުކުރައްވައި ޕާކިސްތާނަށް ބޭނުންވާ ލޯންތައް ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޚަބަރުލިބެ އެވެ. (ރޮއިޓާސް)