20 Oct 2013, 09:56
ވޮޝިންޓަން (އޮކްޓޯބަރު 20): އަފްޣާނިސްތާނުގައި އެމެރިކާ ހިންގާ ހަނގުރާމައިގެ ޙަރަކާތްތަކަށް ވައިގެ މަގުން ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަޒަޚިސްތާނުގެ "މާނާސް ޓްރާންޒިޓް މަރުކަޒު"ގެ މަސައްކަތްތައް ރުމޭނިޔާ އިން އެމެރިކާ ކުއްޔަށް ހިފާފައިވާ ވައިގެ ބޭހަކަށް ބަދަލުކުރަމުން ގެންދާކަން އެމެރިކާ ހާމަކޮށްފި އެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނީ ކަޒަޚިސްތާނުގެ "މަނާސް ޓްރާންޒިޓް މަރުކަޒު"ގައި ހިންގާ ހަރަކާތްތައް، ރުމޭނިޔާގެ "މަހޭލް ކޯގަލްނަޗާނޯ" ވައިގެ ބޭހަށް ބަދަލުކުރުމުގެ ކަންތައް މިހާރު ފަށާފައިވާ ކަމަށާއި މިކަން ނިންމާލެވޭނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމުގަ އެވެ. "މަހޭލް ކޯގަލްނަޗާނޯ" ވައިގެ ބޭހަކީ 1999 ވަނަ އަހަރުން ފެށިގެން އެމެރިކާ ސިފައިން ޢަސްކަރީ އެކި ހަރަކާތްތައް ހިންގުމަށް ބޭނުންކުރަމުން ގެންދާ މަރުކަޒެކެވެ. މިއީ ކަނޅުކަނޑުގެ އައްސޭރިފަށުގައިވާ ވަރަށް ބޮޑު ޢަސްކަރީ ބޭހެކެވެ. އިރުމަތީ ޔޫރަޕްގެ ފަގީރު ގައުމެއް ކަމަށްވާ ރުމޭނިޔާ ސަރުކާރުން މި ބޭސް އެމެރިކާ އަށް ދިގު މުއްދަތަކަށް ކުއްޔަށްދީފައި ވަނީ އާމްދަނީ ހޯދުމުގެ އިތުރުން އެމެރިކާއާ ގާތްގުޅުންތަކެއް ބޭއްވުމުގެ ބޭނުމުގަ އެވެ.
މިބޭސް، ދިގުމުއްދަތަކަށް ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި އެމެރިކާއާއި ރުމޭނިޔާ ސޮއިކޮށްފައި ވަނީ 2005 ވަނަ އަހަރުގަ އެވެ. މިއެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންނަށާއި ދިފާޢީ ކަންކަމަށް ބޭނުންވާ ގިނަ ބާވަތްތަކުގެ ހަރަކާތްތައް ހިންގުމުގެ ހުއްދަ ލިބިދީފައިވެ އެވެ. މިގޮތުން 2005 ވަނަ އަހަރުން ފެށިގެން ޕެންޓަގަންއިން ގެންދަނީ އެމެރިކާ ސިފައިންނަށް ބޭނުންވާ އެކިތަމްރީންތަކަށާއި ހަތިޔާރު ރައްކާކުރުމަށާއި އެހެން ގައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާ ޢަސްކަރީ ބާރުތަކަށް ލޮޖިސްޓިކް ޚިދުމަތްތައް ދިނުން ފަދަ ކަންކަމަށް މި ބޭހުގެ ބޭނުންކުރަމުންނެވެ.
ކަޒަޚިސްތާނުގެ "މާނާސް ޓްރާންޒިޓް މަރުކަޒު"ގައި މައިގަނޑު ގޮތެއްގައި އެމެރިކާ ހިންގަނީ އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާ ސިފައިންނަށް ބޭނުންވާ ބައެއް ތަކެތި ވައިގެމަގުން ސަޕްލައި ކޮށްދިނުމަށާއި ލުއި ހަތިޔާރާއި އިލެކްޓްރޯނިކް ވަސީލަތްތަކާއި އެނޫން ވެސް ލޮޖިސްޓިކްޚިދްމަތްތައް ވައިގެ މަގުން ފޯރުކޮށްދިނުމަށެވެ.
މިމަސައްކަތްތައްރުމޭނިޔާގެ "މަހޭލް ކޯގަލްނަޗާނޯ" ވައިގެ ބޭހަށް ބަދަލުކުރަނީ 2014 ވަނަ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން އެމަރުކަޒު ދޫކޮށް ދިޔުމަށް ކަޒަޚިސްތާން ސަރުކާރުން އެމެރިކާ އަށް ރަސްމީގޮތުން އެންގުމާގުޅިގެންނެވެ. (ރޮއިޓާސް)