މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބަށް ނުބޭއްވުމާ ގުޅިގެން، އަލުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ސަރުކާރާއި ސިޔާސީ ޕާޓީތަކާއެކު މާދަމާ މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އިލެކްޝަނުން މިރޭ ދަންވަރު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުގެ ތާރީހެއް ބޭއްވުމަށް ސަރުކާރައި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަންޖެހެނީ ސިޔާސީ ގޮތުން "ބައެއް ޔަގީންކަން" ލިބެން ބޭނުންވާތީ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އިންތިހާބު ބޭއްވުމަށް ރައްޔިތުން ބޭނުންވާނެތީ، އެންމެ އަވަހަކަށް ވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވޭނެ ތާރީހަކާމެދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއެކު މާދަމާ ބާއްވާ މަޝްވަރާތަކަށްފަހު އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވެފައި ވަނީ ސަރުކާރުން މިމަހުގެ 26 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް އެދުނު ކަމަށާއި ނަމަވެސް އެއީ "ޕްރެކްޓިކަލީ" ކުރެވިދާނެ ކަމެއް ނޫން ކަމަށާއި އެންމެ އަވަހަށް ވެސް އިންތިހާބު ބޭއްވޭނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް މިހާރު ކުރިއަށް ގޮސްފައިވާ މަޝްވަރާތަކުގައި އިލެކްޝަންސް ކޮމިޝަނުން ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ހުށަހަޅުއްވާފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.