ރިޔާސީ އިންތިޚާބާ ކުރިމަތީލުމަށް ޕީޕީއެމުން ބިރެއް ނުގަންނަ ކަމަށާއި އިންތިޚާބާ ކުރިމަތިލާން ބިރު ގަންނަނީ އެމްޑީޕީއާއި އިލެކްޝަންސް ކޮމިޝަނުން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

މިރޭ ނަސަންދުރަ ޕެލެސް ހޮޓަލްގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހްމަދު މަހުލޫފް ވިދާޅުވީ އިންތިޚާބާ ކުރިމަތިލުމަށް އެޕާޓީން ފަސްޖެހޭކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ފާއިތުވި ތަނުގައި ބޭއްވި 18 ބައި އިލެކްޝަން އެ ޕާޓީން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ ޕީޕީއެމުން އިންތިޚާބާ ކުރިމަތިލާން ބިރު ނުގަންނާނެކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ބިރަކުން ނޫން ފިލައިގެނެއް ނޫން. އަޅުގަނޑުމެން ވާދަކުރިން 21 ބައިއިލެކްޝަންގަ. އެތަނުން 18 އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކޮށްފައި އޮތުމަކީ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަކީ އިންތިޚާބުތަކާއި ވާދަކޮށް ބިރުގަނެ އުޅޭ ބަޔެއް ނޫންކަން ސާބިތުކޮށްދޭ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވަން ޕީޕީއެމުން ދެކޮޅު ހެދީ ވޯޓާސް ލިސްޓުގައި އެތަކެއް މައްސަލަތަކެއް ހުރިކަން އެ ޕާޓީއަށް ފާހަގަ ކުރެވުމުން ކަމަށެވެ. އެ މައްސަލަތައް ހައްލުކޮށް ކޮންމެ ދުވަހަކު އިންތިޚާބު ބޭއްވިޔަސް ޕީޕީއެމުން އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުން ލަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގަސްދުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ. އިންތިޚާބު އަވަސް ކުރުމަށް ބޭނުންވާނަމަ ސުޕްރީމް ކޯޓުގެ ގައިޑުލައިނާ އެއްގޮތަށް ވޯޓާސް ލިސްޓު އިސްލާހު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ނޫސްވެރީންނާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުންގެ ސޮޔާއި އިނގިލީގެ ނިޝާން ޖެހުމަށް ފަހު އިންތިޚާބު ބޭއްވުމަށް އެމްޑީޕީ އާއި އިލެކްޝަންސް ކޮމިޝަނުން ބިރުގަންނަ ކަމަށެވެ.

ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުންގެ ސޮޔާއި އިނގިލީގެ ނިޝާން ޖެހުމަށް ފަހު އިންތިޚާބު ބޭއްވުމަށް އެމްޑީޕީން ބޭނުންނުވަނީ އެކަށީގެންވާ ތާއީދު އެޕާޓީއަށް ނެތުމުން ކަމަށް އާރިފް ވިދާޅުވި އެވެ.