މިއަދު ބާއްވަން ކަނޑައަޅައި ނުބޭއްވުނު އިންތިހާބު ދެން އެންމެ އަވަހަށް ވެސް ބޭއްވޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ މައި ޖަގަހަ، ކުނޫޒުގައި މިރޭ އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެ ޕާޓީން މިއަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ހުށަހެޅި ކަމަށާއި ނަމަވެސް އިލެކްޝަނުން އެ ދުވަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އަންނަ މަހުގެ ދެވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ހުށަހެޅި ކަމަށެވެ. އަދި އީސީން ހުށަހެޅި ތާރީހަށް ޖޭޕީން ވެސް ތާއީދުކުރާ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުނގަޑުމެންނާ ހަމައަށް އައި ޓޭބަލާ އެއްގޮތަށް އަޅުނގަޑުމެން ވާނީ އާއެކޭ ދަންނަވާފައި. އެއީ މިމަހުގެ 26ގަ ނުލެވޭނެ ވާހަކަ. އެބޭފުޅުން ވިދާޅުވަނީ އެބޭފުޅުން އަމިއްލަ އަށް ޓޭބަލެއް ހައްދަވާފައި އިލެކްޝަންގެ ނައިބް ރައީސް ވިދާޅުވަނީ ދޭކަށޭ ހަމަޖެއްސޭނީ. އަދި އެގޮތަށް ނިމޭނެ ކަމަށް ކަށަވަރުކުރާ ކަމަށް ވަންޔާ މި ދެންނެވި ޝަރުތުތައް ހަމަވެގެން އެކަން ކުރާށޭ މިތިއްބެވީ،" ގާސިމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ވޯޓް ވަގަށް ނަގަމުން ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުނުވެ "ގޮތް ދައްކަމުން" ކަމަށާއި އެކޮމިޝަނުން ބޭނުން ވަނީ ބޭރު ދުނިޔޭގެ ކުރިމަތީގައި ރައްޔިތުންނަކީ ޑިމޮކްރަސީ އަށް ތަބާނުވާ ބައެއް ކަމަށް ދައްކަން ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ މިއަދު ބާއްވަން ހަމަޖެއްސި އިންތިހާބު ކެންސަލް ކުރުމާ ގުޅިގެން އެމްޑީޕީ އަށް ތާއީދުކުރާ ފަރާތްތަކުން މާލެ އާއި ރަށްރަށުގެ މަގުމަތީގައި ކުރަމުންދާ އިހުތިޖާޖަކީ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ. އަދި އެކަމަކީ ޑިމޮކްރަސީގެ ޗެމްޕިއަން ކަމަށް ބުނާ ބަޔަކު އެކުރާ ކަމަކީ ޑިމޮކްރަސީއެއް ނޫން ކަމަށާއި އެއީ އަނިޔާވެރިކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބާވަތުގެ ނޭނގާނީ އަމަލުކޮށް ރާއްޖޭގެ ރައްޔިތުންގެ އަހުލަގީ ސުލޫކު ހަލާކުކޮށްލާ އެކުވެރިކަމާއި އެއްބައިވަންތަކަން ފުނޑުފުނޑު ކޮށްލަން އުޅުއްވުން އެއީތޯއޭ ޑިމޮކްރަސީއަކީ. ޑިމޮކްރަސީއަކީ އެއީކީ ނޫން. އެއީ އަޅުނގަޑުމެންނަށް ފެންނަ ގޮތުގައި އަނިޔާވެރިކަން. އެޔަށް ކިޔަނީ "ޑިކްޓޭޓާޝިޕް". ޑިކްޓޭޓާޝިޕްގެ ރޫހަކީ އެއީ." ގާސިމް ވިދާޅުވި އެވެ.