19 Oct 2013, 23:39
މި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކޮށް، އަލުން އެ އިންތިހާބު މިއަދު ބާއްވަން އުޅެ ކެންސަލްކުރުމާ އެކު އިންތިހާބެއް ދެން އެންމެ އަވަހަށް ވެސް ބޭންވެން އޮތީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގައި ކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެ އެވެ.
މީގެ ކުޑައިރުކޮޅެއްގެ ކުރިން ޓީވީއެމް "ރާއްޖެ މިއަދު" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ، ވީހާވެސް އަވަހަކަށް އިންތިހާބެއް ބޭއްވޭތޯ މިހާރު ވެސް ކޮމިޝަންގެ މެންބަރުގެ މެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ރައީސް ވަހީދުގެ އެންގުމަށް މިމަހުގެ 26 ވަނަ ދުވަހު އިންތިހާބު ބޭއްވެން ނެތް ކަމަށެވެ. އަދި އިންތިހާބެއް ބޭއްވިއަސް އެންމެ އަވަހަށް އެކަން ކުރެވެން އޮތީ އަންނަ މަހުގެ ނުވަ ވަނަދުވަހު ކަމަށް ފުއާދު ވިދާޅުވި އެވެ.
"އިންތިހާބު އަވަސް ކުރަން ބޭނުން. ސަރުކާރުން މިމަހުގެ 26 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް އެދިވަޑައިގެންނެވި ނަމަވެސް އެއީ ޕްރެކްޓިކަލީ ކުރެވިދާނެ ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކޮމިޝަނުގެ މެންބަރުންނާ އެކު އިންތިހާބު ބާއްވާނެ ތާރީއެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން. އެންމެ އަވަހަށް ވެސް އިންތިހާބެއް ބޭއްވެން އޮތީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު. އެކަމަކު އެއީ ވެސް ފައިނަލް ތާރީހެއް ނޫން. އިންތިހާބުގެ ތާރީޙަކާ ދޭތެރޭ މަޝްވަރާކޮށް ގޮތެއް ނިންމުނުހާ އަވަހަކަށް އެކަން އިއުލާން ކުރާނާން." ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ، އިންތިހާބު ނުބޭއްވި ލަސްވަމުން ދާތީ މިހާރު ވެސް މާލޭގައި ގިނަ ބަޔަކު އިހްތިޖާޖް ކުރަމުން ދާތީ އިންތިހާބު ބާއްވާނެ ތާރީހެއް މިރޭ ވެސް އިއުލާން ކުރެވޭތޯ ވަރަށް މަސައްކަތް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެކަން އެގޮތައް ކުރެވިފައި އަދި ނުވާކަމަށް ފުއާދު ވިދާޅުވި އެވެ.
އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް ތަދިތަކަކާ ކުރިމަތިވާ ކަމަށް ބުނެ، އިންތިހާބު ބާއްވަންދެން އެ ހިދުމަތްތައް ދިނުން އެ ކައުންސިލުން މިއަދު ނެރުނު ގަރާރާ އެކު މާލޭގައި ގިނަ ބަޔަކު އިހުތިޖާޖް ކުރަމުން ދާއިރު އެ އިހްތިޖާޖް ރާއްޖޭގެ މީހުން އުލޭ ބައެއް ރަށް ރަށުގައި ވެސް މިހާރު ދަނީ ކުރަމުންނެވެ.