19 Oct 2013, 23:37
މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވި ކަމަށް ސާބިތުވެއްޖެނަމަ، އެއީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއްކޮށްފައިވާނަމަ ޖިނާއީ ދައުވާ ކުރުމަށް ނުވަތަ ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް އެދޭނެ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ ރައީސް އަބްދުﷲ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ވަހީދު "ސަން"އަށް މިރޭ ވިދާޅުވީ މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވި ކަމަށް އެ ކޮމިޝަނަށް އަދި ބުނެވެން ނެތް ކަމަށާއި ޕީޕީއައިސީން ހިންގާ ތަހުގީގަށްފަހު އެކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ ކަމަށެވެ.
ފުލުހުން އިންތިހާބު ހުއްޓުވި ކަމަށް ސާބިތުވެއްޖެނަމަ ގާނޫނުގައިވާ ގޮތަށް ބެލުމަށްފަހު ޖިނާއީ ދައުވާއެއް ކުރަންޖެހިއްޖެނަމަ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށާއި ނުވަތަ ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީގައި އެދޭނެ ކަމަށެވެ.
"ފިޔަވަޅު އެޅުމާމެދު ގާނޫނުގައިވާ ގޮތް ބަލަންޖެހޭނީ. އެއީ ޖިނާއީ ދައުވާއެއް ކުރަންޖެހިދާނެ ނުވަތަ ފިޔަވަޅު އަޅަން ހޯމް މިނިސްޓްރީގައި ވެސް އެދެންޖެހިދާނެ،" އަބްދުﷲ ވަހީދު ވިދާޅުވި އެވެ.
ފުލުހުން އިންތިހާބު ހުއްޓިވި ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ޕީއައިސީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅޭ ތަހުގީގު މިއަދު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތަހުގީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ބަޔާންތައް ނަގާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
ފުލުހުންނާހުރެ މިއަދު ރިޔާސީ އިންތިހާބު ބޭއްވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާ ގުޅިގެން ފުލުހުންގެ މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްގެ ގައިޑްލައިންތައް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ ނުކުރުމުން އިންތިހާބަށް އެއްބާރުލުމާއި އެހީތެރިކަން ދިނުން ހުއްޓާލީ ކަމަށެވެ. އިންތިހާބަށް ހުރަސް އެޅައި ކަމަކަށް ސީދާ ނަވާޒެއް ވިދާޅެއް ނުވެ އެވެ.