ތިލަފުށީގައި ހުރި ދަވާދު ކޮންޓޭނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބަރިބަރިއަށް ޖަހާފައިހުރި އިތުރު ކޮންޓޭނަރުތަކެއްގައި އަލިފާން ރޯވެއްޖެ އެވެ.


އެސަރަހައްދުގެ ފަޅުތެރޭގެ ދޯންޏެއްގައި ހުރި މީހަކު ސަން އޮންލައިނަށް މައުލޫމާތުދެމުން ބުނީ އަލިފާން ގަނޑު ރޯވެފައިވާ މަންޒަރު މާދުރަށް ފެންނަން އެބަހުރި ކަމަށާއި އަލިފާން ރޯވެފައިވަނީ ވަތަނިއްޔާގެ އެންޓަނާ ސަރަހައްދާއި ދިމާ އެތެރޭން ކަމަށެވެ. އޭނާ ބުނީ އަލިފާން ގަނޑު ރޯވެފައިވަނީ ކޮންޓޭނަރެއްގެ ތެރޭގައި ހުރި ދަވާދު ތަކެއްގައި ކަމަށެވެ. އެމްއެންޑީއެފުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.


އެމްއެންޑީއެފްގެ މޭޖާ އަބުދުއްރަހީމް ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރި ސީދާ ސަބަބު ވިދާޅުވެދެއްވަން އަދި ނޭނގޭ ކަމަށާއި ދަވާދު ކޮންޓޭނަރުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރިގެން ގޮސް އެސަރަހައްދުގައި ހުރި އިތުރު ކޮންޓޭނަރުތަކެއްގައި ރޯވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


" ރޯވި ކޮންޓޭނަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ދަވާދާއި ލަނކުޑިވެސް ހުރި. މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައި." އަބްދުއްރަހީމް ވިދާޅުވި އެވެ.


އަބްދުއްރަހީމް ވިދާޅުވީ ކޮންޓޭނަރުތަކުގައި ރޯވި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.