ނ. މަނަދޫ ވަލު ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަންތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ތަކެތި ފެނިފައި ވަނީ މަނަދޫގައި ބަޔަކު މަސްތުގެ ހާލަތުގައި ތިބޭކަމަށް އާންމުންގެ ފަރާތުން ލިބެމުން ދިޔަ ޝަކުވާތަކާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަނަދޫ ވަލުތެރެ ބަލައި ފާސްކުރަމުން ދަނިކޮށް ކަމަށެވެ.

މަނަދޫ ވަލުތެރެއިން ފުލުހުން ހޯދި ތަކެތީގެ ތެރޭގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރީނދޫ ހަމެއްގެ އިތުރުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައި ހުސްކޮށްފައި ހުރި ރީނދޫ ދެ ހަމާއި ބަނގުރާ ކެއްކުމަށް ޓަކައި ބޭނުންކުރާ ސާމާނުތަކެއް ހިމެނެ އެވެ.

"މިތަކެތީގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަން ފެނިފައި ވަނީ ރޭ ވަގުތެއްގައި ވަލުތެރެ ބަލައިފާސްކުރިކުރުމުން. އަދި ބަނގުރާކެއްމަށް ޓަކައި ބޭނުންކުރާ ސާމާނާއި ދެ ހަން ފެނިފައި ވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އެ މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އަދި އެ މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ތަގުގީގު ކުރަމުން ގެންދާ ކަމަށެވެ.