19 Oct 2013, 22:44
އައްޑޫ ސިޓީ މަރަދޫފޭދޫ އާއި ފޭދޫއާ ގުޅޭ ލިންކުރޯޑުގެ ބުރިޖުން ދަތުރު ނުކުރެވޭ ގޮތަށް އެމްޑީޕީގެ ސަޕޯޓަރުން މަގު ބަންދުކޮށްގެން ތިއްބައި، ފުލުހުން އެ މީހުން ދުރުކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
އައްޑޫ ސިޓީގައި ހުރި ސަންގެ ރިޕޯޓަރު ބުނީ ފުލުހުންނާއި އާންމުނާ ދެމެދު ހިނގި ކުރިމަތިލުމުގައި ފުލުހުންނާ ދިމާލަށް ބަޔަކު ގާ އުކަން ފެށުމުން، ރަޔަޓް ފުލުހުން އައިސް ބާރުގެ ބޭނުންކޮށް އެ މީހުން އެތަނުން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުން ލިންކުރޯޑު ބަންދުކޮށްގެން ލިބީ އެކިއެކި އެއްޗެހި އަތުރައިގެން ކަމަށާއި ފުލުހުން އެ އެއްޗެހިތައް މިހާރު ނަގަމުންދާ ކަމަށާއި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ މީހުން ހައްޔަރު ކުރަމުންދާ ކަމަށް ވެސް ސަންގެ ރިޕޯޓަރު ބުންޏެވެ.
ސައުތު ޕޮލިސް ޑިވިޝަންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ "ސަން"އަށް ވިދާޅުވީ އާންމުންގެ ބަޔަކުވެގެން ހިލަވެލި ޖަހައިގެން މަރަދޫފޭދޫ އާއި ފޭދޫއާ ގުޅޭ ލިންކުރޯޑުގެ ބުރިޖް ބަންދުކޮށްގެން އައްޑޫގެ އެންމެ ބޮޑު މަގުގެ ޓްރެފިކް ސިސްޓަމްސް ބްލޮކްކޮށްފައިވާތީ އެކަން ހައްލުކޮށްފައިވާނެ ކަމަށާއި އެކަން ކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާ ދިމާލަށް ބަޔަކު ގާ އުކި ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ބަޔަކު ހައްޔަރު ކުރި ކަމަށާއި ނަމަވެސް އަދަދެއް މިވަގުތު ދަންނަވަން ދަތި ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ހަމަނުޖެހުމެއް ނޫން ކަމަށާއި ފަސޭހަކަމާއެކު އެއްގަމުގައި ދަތުރުފަތުރު ކުރެވޭނެ ގޮތް މިހާރު ތަނަވަސްކޮށްދީފައިވާނެ ކަމަށެވެ.