19 Oct 2013, 22:18
ރައީސުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މިހާރު ތިއްބެވި ޑީއާރުޕީގެ ވަޒީރުނާއި ސްޓޭޓް މިނިސްޓަރުނާއި މިނިސްޓަރުންގެ ނައިބުން އެ މަގާމްތަކުން އިސްތިއުފާ ދޭން އެދޭ ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ކައުންސިލުގެ ނިންމުމާއި ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން އެޕާޓީގެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވީ ސަރުކާރުން ވަކިވާން ނިންމާފައި ވަނީ މިދިޔަ މަހު ހަތެއްގައި ބޭއްވި އިންތިހާބަށްފަހު ސަރުކާރުން އިންތިހާބު ހުއްޓުވަން މަސައްކަތް ކުރާތީ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ސުޕްރިން ކޯޓަށް އިންތިހާބް ހުއްޓުވުމަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރައީސް ވަހީދުގެ ސަރުކާރުން ވެދެފައިވާ ކަމަށް ތަސްމީން ވިދާޅުވި އެވެ.
"ސަރުކާރުން ވަކިވާން ނިންމުމުން ސަރުކާރުގެ މަގާމުތަކުގައި މިހާރުތިއްބެވި ބޭބޭފުޅުންނަށް ވެސް އިސްތިއުފާ ދެއްވުމަށް އެދެން. މިގޮތައް ނިންމީ ޑީއާރުޕީގެ ކައުންސިލްގެ ވެސް ނިންމުމާއި ގުޅިގެން. ޕާޓީގެ ނިންމުމަށް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް އިހުތިރާމު ކުރައްވާނެ. އަޅުގަނޑު ޔަގީންކަން އެބޮތް ހުރިހާ ބޭފުޅުންވެސް މިކަން ގަބޫލު ކުރައްވާނެ ކަމަށް،" ތަސްމީން ވިދާޅުވި އެވެ.
ސަރުކާރުން ވަކިވުމަށް ޑީއާރުޕީގެ ކައުންސިލުން މިރޭ ނިންމިއިރު، އެބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި 13 މެންބަރުންގެ ތެރެއިން 10 މެންބަރުން ވަނީ އެކަމަށް ތާއީދު ކޮށްފައެވެ.
ސަރުކާރުން ޑީއާރްޕީ ވަކިވުމަށް ނިންމިއިރު، އެ ޕާޓީއަށް ނިސްބަތްވާ ވަޒީރުނާއި ސްޓޭޓް މިނިސްޓަރުނާއި މިނިސްޓަރުންގެ ނައިބުން ސަރުކާރުގައި އެބަތިއްބެވި އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއުއަކީ ޑީއާރްޕީ ތަމްސީލު ކުރައްވާ ދެ ވަޒީރުންނެވެ.