މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމުގެ ސަބަބުން އެކަމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ޝުޢޫރު ފާޅުކުރުމަށް ހިންގާ ހަރަކާތްތައް ގާނޫނީ އިމުގެތެރޭގައި ކުރިއަށް ގެންދިއުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މާލެ އާއި ހުޅުމާލެ އަދި ބައެއް ރަށްރަށުގެ މަގުތަކުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ސުލްހަވެރިކަމާއެކު ހަރަކާތްތެރިވާއިރު މަގުތައް ބޭނުންކުރާ އެހެން ރައްޔިތުންގެ ބޭނުންތަކަށް ހުރަސް ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަން ބޭނުންކުރާއިރު އެހެން މީހުންގެ މިނިވަންކަމަށް ހުރަސްއެޅުމަކީ މިނިވަންކަމާއެކު އެއްވެ އުޅުމުގެ އަސާސްތަކާއި ހިލާފު ކަމަކަށްވާތީ އެފަދަ ކަންކަން ނުކުރުމަކީ މަގުމަތީގައި ހިޔާލު ފާޅުކޮށް ޝުއޫރު ފާޅުކުރާ ރައްޔިތުންގެ ކިބައިން ފުލުހުން އެދޭ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިހާރު މާލެއާއި އަތޮޅުތަކުގެ މަގުތަކުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ސުލްޙަވެރިކަމާއެކު ހިޔާލު ފާޅުކުރުމަށް ހިންގާ ހަރަކާތްތަކާއި ގުޅިގެން މަގު ހިނގާ ފަރާތްތަކަށާއި ދުއްވާ ތަކެތީގައި ދަތުރުކުރައްވާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކެތްތެރިކަމާއެކު ޙައްލު ކުރުމަކީވެސް ފުލުހުންގެ ވަރަށް ބޮޑު އެދުމެއް،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ މަގުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަނޑުމަގުންނާއި އެއްގަމުމަގުން ކުރާ ދަތުރުތަކަށް ހުރަސްއެޅޭގޮތަށް އަމަލުތައް ނުބެހެއްޓުމަށާއި މަގުމަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލްފަދަ ތަކެއްޗަށް ގެއްލުންލިބިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.

މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި މަގުތައް ބަންދުކޮށްގެން ރައްޔިތުން ޚިޔާލު ފާޅުކޮށް ޝުއޫރު ފާޅުކުރުމަށް މިހާރު ހިންގާ ހަރަކާތްތައް ހަމަޖެހިފައިވާ އިމުގެތެރޭގައި ގެންދިއުމަށް އެފަރާތްތަކާއި ވާހަކަދައްކައިގެން ކުރިއަށް ގެންދަން ފުލުހުން މަސައްކަތް ކުރާނޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.