19 Oct 2013, 22:09
މަޖީދީ މަގުން ދުއްވާފައި ދިޔަ ކާރެއްގެ ބިއްލޫރިގަނޑެއް މިއަދު ހަވީރު ތަޅާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބުން ދުއްވާފައިދިޔަ ކާރެއްގެ ބިއްލޫރި ގަނޑެއް ތަޅާލައިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 4:40 ހާއިރު ކަމަށެވެ.
"ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅާލާފައިވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބުގައި ތިބި މީހުންގެ ތެރެއިން ބަޔަކު. ކާރުގެ ބިއްލޫރިގަނޑު ތަޅާލިއިރު އެވަގުތު ކާރުގައި ތިބީ ދެ އަންހެނުން. މިއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ކާރުގެ ބިއްލޫރިގަނޑު ތަޅާކި މައްސަލަ އެ އިދާރާއިން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށެވެ.